ރައީސްގެ އަމިއްލަފުޅު އިސްނެންގެވުމަށް މާފު ދެއްވޭނެ ގަވައިދަކަށް އަމަލުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން، ކުށްވެރިންނަށް މާފު ދެއްވޭނެ ގަވައިދެއް އެކުލަވާލައި ހޯމް މިނިސްޓްރީން އިއްޔެ ގެޒެޓްކޮށްފި އެވެ.


ގަވައިދުގައިވާ ގޮތުން، އެ ގަވައިދުގެ ދަށުން ދެވޭ ފުރުސަތަކީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާ އިން ވަކި އިލްތިމާސެއް ހުށަހެޅުމަކާ ނުލައި، ރައީސްގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ދެއްވާ މާފެކެވެ. އަދި ޖިނާއީ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން އެ ގަވައިދުގައި ބަޔާންކޮށްފައިވާ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އިސްތިސްނާ ކުރެވޭނެ ކަމަށް އޭގައިވެ އެވެ.

"ކުށުން ދުރުހެލިވެގެން، މުޖުތަމަައަށް އަނބުރާ އައުމަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ފުރުސަތުގެ ގަވައިދު"ގެ ނަމުގައި އެކުލަވާލާފައިވާ މި ގަވައިދުގައިވާ ގޮތުން، ރައީސަށް އަމިއްލަފުޅަށް ފެނިވަޑައިގެން މާފު ދެއްވާ މީހުންނަކީ އިސްތިއުނާފްގެ މަރުހަލާގައި ތިބި ބައެއް ކަމުގައި ވެގެން ނުވާނެ އެވެ. އަދި އޭގެ އިތުރުން ގަސްދުގައި މީހަކު މެރުމުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ޓެރިޒަމްގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ކުށެއް ސާބިތުވެފައި ނުވުމާއި މަސްތުވާތަކެތި ޓްރެފިކް ކުުރުމުގެ ކުށެއް ސާބިތުވެފައި ނުވުމާއި ގަދަކަމުން ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ކުށެއް ސާބިތުވެފައިނުވާ ނަމަ އެ މީހަކު ވަކި އިލްތިމާސެއް ހުށަހެޅުމަކާ ނުލައި ރައީސްގެ އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން މާފު ދެވެ އެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުން، އެ މީހަކަށް އެންމެ ހުކުމެއް ކޮށްފައިވާ ނަމަ އެ ހުކުމެއްގެ ހަތަރުބައިކުޅަ އެއްބައި ފުރިހަމަވާން ޖެހެ އެވެ. އަދި އެއް ހުކުމަކަށް ވުރެ ގިނަ ހުކުމްކޮށްފައިވާ ނަމަ، ތަންފީޒު ކުރަމުންދާ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ފުރިހަމަވުމުން އެ މީހަކަށް މާފު ދެވެ އެވެ.

އާ ގަވައިދުގެ ދަށުން މާފު ދިނުމަށް ފުރުސަތު ދެނީ ތަފާތު ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

އެގޮތުން ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ އެއްވެސް ގަވައިދަކާ ހިލާފު ނުވުމާއި އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުމާއި އެއްވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރުވެ، ދެވިފައިވާ ފުރުސަތާ މެދު ޝައްކު އުފެދޭ ފަދަ އަމަލެއް ނުކުރުމާއި ރާއްޖެއިން ބޭރަށް ފުރާ ނަމަ ތަންފީޒީ އިދާރާއިން އަމަލުކުރާ އުސޫލްގެ ތެރެއިން ހުއްދަ ހޯދަން ވެސް ޖެހެ އެވެ. އަދި އެ މީހަކު މުޖުތަމައަށް އެނބުރި އައިސް އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީން ހަމަޖައްސާފައިވާ ޝަރުތުތަކެއް ނުވަތަ ޕްރޮގްރާމްތަކެއް ވެސް ފުރިހަމަކުރަން ޖެހެ އެވެ.

ގަވައިދުގައިވާ ގޮތުން ކޮމިޓީން ކަނޑައަޅާ ޝަތުރުތައް ފުރިހަމަކުރަން އެންގޭނީ ކޮށްފައިވާ ހުކުމުގެ މުއްދަތަށް ބަލައިގެންނެވެ. އެގޮތުން ހުކުމުގެ މުއްދަތު ތިން އަހަރަށް ވުރެ އިތުރުނުވާ ނަމަ ޝަރުތުކުރެވޭނީ ހުކުމުގެ ބާކީ އޮތް މުއްދަތަށެވެ. އަދި ތިން އަހަރަށް ވުރެ އިތުރު ނަމަ ޝަރުތު ކުރެވޭނީ ތިން އަހަރަށް އަދި އެއް ހުކުމަށް ވުރެ ގިނަ ހުކުމް އޮތް ނަމަ އަދި ހުކުމުގެ މުއްދަތު ތިން އަހަރަށް ވުރެ އިތުރު ނަމަ ޝަރުތު ކުރެވޭނީ ގިނަވެގެން ފަސް އަހަރަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.