ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތުމުން، ރާއްޖެއާ ދޭތެރޭގައި ބައެެއް ފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި ރައީސް ޔާމީން ވިދާޅުވީ، ދިވެހިންނަކީ ހަމައެކަނި އިސްލާމްދީނުގެ މަތިވެރި އަގީދާގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކަށް ވުމަކީ، ރާއްޖެއާ މެދު ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާ ކަމަށެވެ، އަދި އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެ އެވެ. ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގަ އެވެ. އެހެންކަމާއެކު، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުޞަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާ މެދު އިތުރަށް ހޭލުންތެރިވެވަޑައިގަތުމަށް، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ވެސް އަޅުގަނޑު ގޮވާލަމެވެ،" ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ސިއްރަކީ އިސްލާމްދީނުގެ ހިދާޔަތް ދިވެހިންނަށް ލިބިފައިވުމެވެ. އެގޮތުން އެ ދީނުގެ ފަރުޟުތަކާއި ވާޖިބުތަކަށް ރައްކާތެރިވެ، އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމަ އަށް ބޯލަނބައި، ދީނީ ކަންކަމަށް ލޯބިކުރާ، ކިޔަމަންތެރި ބައެއްގެ ގޮތުގައި ދިވެހިން ތިބުމަކީ ވެސް މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ސިއްރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އިސްލާމީ މުޖުތަމައެއްގައި އެންމެ ބޮޑު އިސްކަމެއް ދެނީ އަމިއްލަ މަސްލަހަތަށް ވުރެ މުޖުތަމައުގެ މަސްލަތެވެ.
"މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރި ކުރެވޭނީ، އެ މުޖްތަމަޢެއްގެ އަފްރާދުންގެ ޙައްޤުތައް ރައްކާތެރި ކުރެވިގެންނެވެ. އަޅުގަނޑުމެންނަކީ، އެއްދީނަކަށް ތަބާވެގެންތިބި، އެއްބަހަކުން ވާހަކަ ދައްކާ މުސްލިމުން ކަމުގައި ވީހިނދު، އަޅުގަނޑުމެންގެ މެދުގައި އޮންނަން ވާނީ އުޚުއްވަތްތެރިކަމުގެ ވަރަށް މަތިވެރި ގުޅުމެކެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ވަނީ، ދިވެހިން އިސްލާމްދީނަށް އެނބުރުމަށް މެދުވެރިވި، މައުރިބް ކަރައިގެ އަބުލްބަރަކާތު ޔޫސުފުލްބަރްބަރީގެ ޒިކުރާ އާ ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ދީނަކީ، އިސްލާމްދީންކަމުގައި ޚިޔާރު ކުރެއްވީ އައްސުލްތާން މުހައްމަދު ބްނި އަބްދިﷲ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެ އިސްލާމް ވި ދުވަހަކީ ރަބީއުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް މިރޭ މާލޭގައި ރަސްމީ ޖަލްސާއެއް ބާއްވަން ނިންމާފައިވީ ނަމަވެސް، މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން އެ ހަފުލާ ވަނީ ފަސްކޮށްފަ އެވެ. އަދި ދުވަހާ ގުޅޭ އެހެން ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.