ތަފާތު ކޮންސެޕްޓެއް، ސަލްޓަން ޕާކު ނިމޭއިރު ވަރަށް ހިތްގައިމުވާނެ: މުއިއްޒު

ސަލްޓަން ޕާކު ހުޅުވުން ލަސްވަނީ ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށާއި އެތަން ނިމޭއިރު، ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް ވެސް ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު ވިދާޅުވީ ސަލްޓަން ޕާކު ތަރައްގީކުރަނީ މިހާތަނަށް މި ސަރުކާރުން ހަދާފައިވާ ހުރިހާ ޕާކުތަކާ މުޅިން ތަފާތު ކޮންސެޕްޓަކަށް ކަމަށެވެ. އެ ކޮންސެޕްޓުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ސްނޯ ޕާކެއް ނުވަތަ ވިންޓާ ކޯނާއެއް ހިމެނެ އެވެ.

އޭގެ އިތުރުން ޕާކު ތެރޭގައި ފިނިފެންމާ ބަގީޗާއަކާއި ގްރީން ޓަނަލް ވޯކްވޭއަކާއި ފައްވާރަކާއި ކުޑަކުދިން ސްކޭޓް ކުރަން ވެސް ހާއްސަ ސަރަހައްދެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

"ޕާކު ނުނިމި ގިނަ ވަގުތު މި ނެގީ ބޭނުންވާ ކަހަލަ ސާމާނު ހޯދަން. ވަރަށް އަވަހަށް އެތަނަށް ބޭނުންވާ ލަކުޑި އާއި ލައިޓްސްތައް ވެސް އެބަ ލިބޭ. އެ މަސައްކަތް އެމްޓީސީސީން އެބަ ކުރޭ. އެތަނުގައި ގާއިމްކުރާ ވިންޓާ ސަރަހައްދަކީ ވެސް ވަރަށް ވިސްނައިގެން ރަނގަޅަށް ކުރަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ވަގުތު ނެގިއަސް ޕާކު ނިންމާނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ކޮންސެޕްޓުގައި ކަނޑައަޅާފައިވާ ގޮތަށް ރީތި، ހިތްގައިމު މަންޒިލެއްގެ ގޮތުގަ އެވެ. އެއީ ޓޫރިސްޓުންނަށް ވެސް މަގްބޫލް މަންޒިލަކަށް ވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު އަމާޒު ހިފާފައި ވަނީ މި އަހަރުގެ މިނިވަން ދުވަހު އެތަން ހުޅުވާށެވެ.