ދުންޔާގެ ނިންމުމަށް ތާއީދެއް ނުކުރަން: މައުމޫން

ދަރިކަނބަލުން ދުންޔާ މައުމޫން އަލުން ސަރުކާރާ ގުޅިވަޑައިގަތުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ އެ މަގާމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވާފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފަ އެވެ.

ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގެންފައި މި ވަނީ ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވެ، ސަރުކާރަށް ކުރެއްވި ތާއީދު މައުމޫން އަނބުރާ ގެންދަވާފައި ވަނިކޮށެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ގެންގުޅޭ ސިޔާސަތަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ސަރުކާރުން ކުރިން އިސްތިއުފާ ދެއްވި ދުންޔާ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ދުންޔާގެ ސަރުކާރާ އަލުން ގުޅިވަޑައިގަތުމަކީ ދުންޔާގެ އަމިއްލަފުޅު ނިންމުމެއް ކަމަށެވެ. އަދި އެ ނިންމެވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޕީޕީއެމް މިހާރު ހިންގަވަނީ ރައީސް ޔާމީނެވެ. ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު މައުމޫން ވަނީ ސަރުކާރުގެ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ދުންޔާގެ އިތުރުން އޭނާގެ ކޮއްކޯފުޅު ޣައްސާން މައުމޫން މިހާރުވެސް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު މައްސަލަ އެންމެ ހޫނުވި ދުވަސްވަރު ވެސް ޣައްސާން މަސައްކަތްކުރައްވާފައި ވަނީ ރައީސް ޔާމީންގެ ފެކްޝަނާ އެކު އެވެ.

މައުމޫންގެ ބޭފުޅުންގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކަށް މިހާރު ފާޑުވިދާޅުވަނީ ޔުމްނާ މައުމޫނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. ދުންޔާ ވެސް ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، ސަރުކާރުގެ ތަފާތު ސިޔާސަތުތަކަށް ދޭތެރެދޭތެރެއިން ފާޑުވިދާޅުވެ އެވެ. އެކަމަކު އާއިލާގެ އެހެން ބޭފުޅުންނާ ހިލާފަށް ދުންޔާގެ ފާޑުވިދާޅުވުން ފިނިކަމަށް ފާހަގަކުރެވެ އެވެ.