ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި ތިއްބާ ފެނިއްޖެ

ތ. ވިލުފުށީ ދެމަފިރިއަކު މާލޭގެ ގެއެއްގެ ކޮޓަރިއެއް ތެރޭގައި މަރުވެފައި ތިއްބާ މިއަދު މެންދުރު ފެނިއްޖެ އެވެ.


ކޯރުކެނޑި މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ ފަސް ވަނަ ބުރީގައި، ތިން ދަރިންނާ އެކު، ދިރިއުޅެމުން އައި އުމުރުން 50 އަހަރުގެ ގާސިމް ޝާހިދު އާއި 40 އަހަރުގެ ރަޒީނާ އިބްރާހިމް ރޭ ނިދަން ވަން ގޮތަށް ޚަބަރެއް ނުވުމުން ފުލުހުންނަށް އެންގީ މިއަދު މެންދުރު 12:45 ހާއިރު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެ މީހުންގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ. އެކަމަކު މަރުވީ ކޮން ސަބަބަކާ ހުރެކަން އެނގޭ ވަރެއް އަދި ނުވެ އެވެ.

ޝާހިދާއި ރަޒީނާގެ ތިބީ ފިރިހެން ދެ ކުދިންނާއި އަންހެން ކުއްޖެކެވެ. އޭގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާ ވަޒީފާ އަދާކުރަނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އަނެއް ދެ ކުދިންގެ އުމުރުން އަދި 18 އަހަރު ވެސް ނުވެ އެވެ.

މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންގެ އާއިލާގެ ބަޔަކު ލައިޓް ސިގްނަލް ގެއިން ނުކުންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އަށް ދިރިއުޅުން ބަދަލުކުރީއްސުރެ ޝާހިދުގެ އާއިލާ ދިރިއުޅެމުން އަންނަނީ ލައިޓް ސިގްނަލްގައި ކަމަށްވެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރޭ ނިދަން ވަން ގޮތަށް ޚަބަރެއް ނުވުމުން އާއިލާގެ މީހުން އެ ކޮޓަރީގެ ދޮރު ހުޅުވާފައި ބެލިކަމަށެވެ. ފުލުހުންނަށް ރިޕޯޓްކުރީ އެއަށް ފަހު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގިނަ މީހުންގެ ބަސް ހުއްޓިފައި

ރާއްޖޭގައި މި ގޮތަށް ދެމަފިރިއަކު އެއް ފަހަރާ މަރުވުމުގެ ހާދިސާއެއް މީގެ ކުރިން ހިނގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މަރުވެފައި ތިބީ ދެމަފިރިން އެކުގައި ކަން، އެ ހިސާބަށް އެއްވި މީހުންނަށް އެނގުމާ އެކު ބަސް ހުއްޓުނެވެ. ވިލިފުއްޓަށް އުފަން އަދި ޝާހިދުގެ އާއިލާ ދަންނަ ބައެއް މީހުން ވާހަކަ ދައްކަމުން ދިޔައީ ވަރަށް ފުން އަސަރަކާ އެކުގަ އެވެ.

ޝާހިދު އާއި ރަޒީނާގެ އެއްވެސް ބައްޔެއް ހުންނަކަން އެއިން އެއްވެސް މީހަކަށް އެނގިފައެއް ނުވެ އެވެ. އަދި އާއިލާގެ ތެރޭގައި މައްސަލައެއް ޖެހިގެން އުޅޭކަމުގެ އެއްވެސް ޚަބަރެއް ވެސް އެއިިން މީހަކަށް ލިބިފައެއް ނުވެ އެވެ.