ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަޖީދީމަގުގެ ޕޭވްމަންޓެއްގެ ކަނެއް ތިރިކޮށްފައި: މި ބަދަލަށް ގިނަ ބަޔަކު އޭރު މަރުހަބާ ވެސް ކިޔާފައިވޭ.-- ފޮޓޯ: އަފްއާލް
09 ޖެނުއަރީ 2017 - 19:17
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަޖީދީމަގުގައި ދުވާރުން ތިރި ކުރި ބައި އަލުން އުސްކުރަން ފަށައިފި އެވެ.
މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ހައުސިން މިނިސްޓްރީން މަޖީދީމަގު ހަދަމުން އަންނައިރު، އެ މަގަށް ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ ފުރޮޅުލީ ގޮނޑި އާއި އަސާގަނޑު ފަދަ ތަކެތި ބޭނުން ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ އިން ބޭނުން ކުރެވޭ ގޮތަށް، ދުވާރުގެ ބައެއް ކަންތައް ތިރިކޮށްލުމެވެ.
ސަރުކާރުން ގެނައި އެ ބަދަލަށް ގިނަ ބަޔަކު ވަނީ މަަރުހަބާ ކިޔައިފަ އެވެ. އެކަމަކު، އޭގެ ދެ މަހެއްހާ ދުވަސް ފަހުން، އަލުން އެ ތަނުގައި ގާ އަތުރައި ސިމެންތި ޖެހުމަށް ފަހު، ދުވާރު އުސްކުރުމުން އެ ކަމަށް ދަނީ ފާޑު ކިޔަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަޖީދީމަގުގައި ތިރިކޮށްފައިވާ ޕޭވްމަންޓެއްގެ ކަން ފަހުން އުސްކޮށްފައި.-- ފޮޓޯ: އަފްއާލް
ދުވާރު ތިރިކޮށް ހުރި އިރު އަދި ފަހުން އެ ތަނުގައި ސިމެންތި ޖަހައި އުސްކޮށްފައިވާ މަންޒަރުގެ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓުކުރުމަށް ފަހު، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ކުރިން ގެނައި ބަދަލަކީ އޭގެ ފައިދާ ގިނަ ބަޔަކަށް ކުރި އަދި ރަނގަޅު ބަދަލެއް ކަމަށެވެ. އެކަމަކު، މިހާރު ހުރި ގޮތުން އަނެއްކާ ވެސް އެ މީހުން ހިނގާބިނގާވެ އުޅެން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެން މަގުމަތީގައި އެ ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅޭ ތަން. ޕޭވްމަންޓް ކޯނާތައް ތިރި ކުރުމަކީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް. އެކަމަކު އަނެއްކާ ވެސް ސަރުކާރުން އެ ތަން އުސްކުރި ސަބަބެއް ނޭނގޭ،" އަފްއާލް "މިހާރު" އަށް ވިދާޅުވި އެވެ.
އެ ކަމަށް ފާޑުކިޔަމުން ދާ ބައެއް މީހުން ބުނާ ގޮތުގައި ދުވާރުގެ ބައެއް ތިރިކޮށް، ހުރިހާ އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތަކަށް ހަދާފައި އަލުން އެ ތަން ކުރިން ހުރި ގޮތަށް ބަދަލު ކުރުމަކީ ހައުސިން މިނިސްޓްރީން ކުރި ވަރަށް ދެރަ ކަމެކެވެ. އަދި އެއީ ރަނގަޅު ބަދަލެއް ނޫން ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަފްއާލް ވިދާޅުވީ މަގުމަތީގެ ޓްރެފިކް ބޮޑުވާ ވަގުތުތަކުގައި، ބައެއް މީހުން ފަސޭހަ އަކަށް ދުވާރުން ތިރިކޮށްފައިވާ ބައިން ސައިކަލު ދުވާރު މައްޗަށް އަރުވައި، "ބައިޕާސް"ކޮށްލާ ކަމަށެވެ. ދުވާރު އުސްކުރީ އެ ސަބަބާ ހުރެ ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
މާލޭގެ މަގުތައް ފެންވަރު ރަނގަޅު ކުރުމަށް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 13 މަގެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ބައެއް މަގުތަކުގައި މިހާރު ހުރި ގާތައް ނެގުމަށް ފަހު، ފެން ހިންދުމުގެ ނިޒާމު ރަނގަޅުކޮށް، އާ ގާ އަތުރާނެ އެވެ. އަދި ގިނަ މަގުތަކުގެ ޕޭވްމަންޓު ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
haha
11 January 2017
ތިކަންވެސް މުއިއްޒުވީ ދޯ؟ ހަމަނުޖެހުނަސް ބޮޑުވަރު!!
މަރީ
11 January 2017
އަޖައިބެއް! އަސްލުވެސްތޯ؟ ދުވާރުގެ ކަންތައް ތިރިކޮށްފައި އޮމާންކޮށްފައި ހުއްޓާއަލުން ގާތައް ނަގައި އުސްކުރާތަން މިނސްޓާރ އަށް ވެސް ފެނިލައްވާނެ ކަންނޭގެ. ނޫނީ ތިވާނީ މަގުތައް ހަދަން ފެށިތާ ދުވަސްތަކެއް ފާއިތު ވެފައިވާ އިރުވެސް އެކަންހިގަމުންދާ ގޮތް ގާތުން ބައްލަވާލައްވަން ވަގުތު ވެނުލައްވަނީ ކަމަށް. ނޫނީ ދުވާރުގެ ކަންތައް އަލުން އުސްކުރުމަށް މިނިސްޓާރ ނޫންތޯ ހުއްދަދެއްވީ.. ހަނދުމަފުޅު ނެތުނީ ފުޅު ދޮގެއްތޯ؟ ވަރަށްދެރަ.
ޒާ
11 January 2017
ގަވާއިދު ތައް މުގުރާމީހުން މުގުރާނެ ކޮންމެ ގޮތަކަށް ކަންކުރިޔަސް. އެކަމަކު ރަނގަޅަކަށް ކުރި ކަމެއް ބަދަލުކޮށްގެން ނުވާނެ. ދުވާރުމަތީ ސައިކަލް ދުއްވާނަމަވެސް އެކަން ބަލާނެ ފުލުހުން ތިބޭނެ. އެކަށީގެންވާ އަދަބެއް ނުދެވޭތީ އެހެންވަނީ. އެހެނޭ ކިޔާފައި އެހާ ރަނގަޅަށް ކުރި ކަމެއް ގޯސްކޮށްލީ. ވަރަސް ދެރަވި ކަމެއް ދުވާރު އަލުން އުސްކުރުމަކީ. ދުވާރުގެ ކަން ތިރިކުރުމަކީ އެތައް ބަޔަކަށް ލިބުނު ފަސޭހައެއް. އެކަން ބަދަލު ކުރީތީ ހިތާމަ ކުރަން.
ޗިކުސް
10 January 2017
މި ހާރުވެސް އިސްރާފް ކުރެވޭލެއް މަދީ ، އެއްވެސް ޕޫލޭނެތް ނެތި ދޯހަޅި ކޮއް ކުރާ ކަމެއް ތި. މި ސަރުކާރަކީ ނިކަމެތިން ނަށް ދުއްޕާން ކުރާ ސަރުކާރެއް. މާދަމާ އެތާގަ ލިފްޓެއް ވެސް ބަހައްޓަ ފާނެ. # އައި ހޭޓް ދިސް، # ނިއު ޗޭންޖް.
ފަސާނާ
10 January 2017
ކެކެ. ހަސީނާ ތިބުނީ އެވާހަކަ މިހާރުގައި ޖަހާފައި ނެތް ވާހަކަތަ. ވާނުވާ.
އެނޮނީމާ
10 January 2017
ދުވާރުން ތިރިކުރިތަން އުސްކުރާތަން ބަލަން ސިޑިބަރިޔެއް ހަދަންވީ. އެވެސް ހަދާނީ ފޮރޮޅުލާފަ އެކިދިމަދިމާލަށް ގެންދަން ފަސޭހަވާނެއްނު.
އިބްރާހީމް
10 January 2017
ކޮމެންޓް ކުރާ ފަރާތްތަކަށް ސާބަސް. ދުވާރުގެ އުސްކުރި ބައި ދުވަސްކޮޅަކުން (ސިމެންތި ރަނގަޅަށް ހިކުނީމަ) ތިރިވާނެ . އެއީ ޗައިނާއިން ގެނައި އާވައްތަރެއްގެ ވަރަށް މޮޅު ޒަމާނީ ސިމެންތިއެއް.
އިބޫ
09 January 2017
ރިޔޮތީ ދުވާރު މުއިއްޒު ވެފަ. ދެން ހަމަ ބޭކާރު ޙަރަދު ކުރާނީ.
Mishy
09 January 2017
މުއިއްޒު ވުން....ސަޅި މިސާލު ބަހެއް ދޯ!
ޙަހަހަހަ
09 January 2017
އެކަން ކުރި ބޭނުމެއް ނޭގުނު މީހަކު މިނިސްޓްރީގައި ހުރުމުން ވީގޮތެއްތީ