މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑު އަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިޔަސް އެއީ ބާ ދޯންޏެއް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޕީއެލް އިން ފަސް މިލިއަން ރުފިޔާ އަށް 40 ފޫޓުގެ ބާ ދޯންޏެއް ގަތް ކަމަށް ބުނެ އޭސީސީ އަށް އަމިއްލަ މީހަކު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި މައްސަލާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "މިހާރު" އަށް ވިދާޅުވީ އެއީ ބާ ދޯންޏެއް ނޫން ކަމަށާއި އެހާ ބޮޑު އަގެއްގައި ބާ ދޯންޏެއް ބަޔަކު ގަންނާނެ ކަމަށް ބުއްދި ގަބޫލު ނުކުރާނެ ކަމަށެވެ. ދޮގު ތުހުމަތުތައް ކޮށްގެން މައްސަލަ ހުށަހަޅަނީ އެމްޕީއެލްގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ބަޔަކު ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
"އެމްޕީއެލްގެ ކަންކަމަށް އަތް ބާނަން އުޅޭ ދެތިން މީހަކު ކުރާ ކަމެއް މިއީ،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޕީއެލް އަށް ގަތީ ވެސް 40 ފޫޓުގެ ދޯންޏެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ގަތީ ވެސް 60 ފޫޓުގެ ދޯންޏެއް. ތިއީ މުޅިން ދޮގު ވާހަކަތަކެއް،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އޭސީސީން ބޭނުންވާ މައުލޫމާތުތައް އެ ކޮމިޝަނަށް ވަނީ ދީފަ އެވެ.
އެމްޕީއެލް އަށް ގަތް ބާ ދޯނި ކަމަށް ބުނާ ދޯނީގެ ފޮޓޯތައް ވެސް ސޯޝަލް މީޑީއާގައި ދަނީ ދައުރު ކުރަމުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ ދޯންޏެކެވެ.