ކެރޭނު ވެއްޓިގެން ހަލާކުވި ދޯނީގެ މީހުން ގާސިމާ ބައްދަލުކުރަނީ

ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގެ މައްޗަށް ހޮރައިޒަން ފިޝަރީޒްގެ ބޮޑު ކެރޭނެއް ވެއްޓި ދޯނި ބިންދައިގެން ދިޔުމުން އުޅަނދު މަރާމާތު ކުރުމަށް އެ ކުންފުނީގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އެހީ ހޯދަން ނިންމައިފި އެވެ.


ހޯނޑެއްދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްގެ ސައިޓްގައި މަސައްކަތް ކުރާ ކެރޭނު މިދިޔަ އަންގާރަ ދުވަހު ކޮންޓްރޯލް ނުކުރެވިގެން ގޮސް، މޫދަށް އަރި އަޅައިލި ވަގުތު އޭގެ ދަނޑި ގޮސް ޖެހުނީ ފަޅުގައި އަޅާފައި އޮތް ލ. ގަމު "މިޔަވާލި 4" ދޯނީގަ އެވެ. އޭރު ދޯނީގައި ހަ މީހަކު ތިބި އިރު، ދަނޑި ވެއްޓުނު ދިމާލުގައި ދޯނީގެ ކޮޅުފަސްކޮޅުގައި ތިން މީހަކު ތިއްބެވެ. އެ މީހުން ބުނި ގޮތުގައި ދަނޑީގައި ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ.

ތިން މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު ލޯނެއް ނަގައިގެން ވަރަށް ފަހުން ގަތް 80 ވަރަކަށް ފޫޓުގެ އެ ދޯނީގެ މައްޗަށް ކެރޭނު ވެއްޓުމުން، ދޯނި ވަނީ ދެ ބުރިވެފަ އެވެ. އަދި 1.8 މިލިޔަން ރުފިޔާގެ ޖަނަރޭޓަރު ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އެ ދޯނީގެ މީހުން ބުންޏެވެ.

ދޯނީގެ ކެޔޮޅު ހުސައިން ހަނީފު ބުނީ މި ހާދިސާ ހިނގީ ހޮރައިޒަންގެ ކެރޭނެއްގެ ސަބަބުން ކަމަށް ވުމުން މިކަމުގައި އެ ކުންފުނީގެ ވެރިޔާ އެހީތެރިވެދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެހެންވެ، މާދަމާ ލ. މާންދު އަށް ގާސިމް ވަޑައިގަތުމުން އޭނާއާ ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށް ހަނީފް ބުންޏެވެ.

"ގާސިމާ ހަމަ އަށް މި ހަބަރު ގޮސްފައިވަނީ. އެކަމަކު އަދި އެއްވެސް އެހީއެއް ދެއްވާނެއެކޭ ވިދާޅެއް ނުވޭ. އަޅުގަނޑުމެން އުއްމީދު ކުރަނީ މާދަމާ ގާސިމާ ބައްދަލުވުމުން މިކަމަށް ކޮންމެ ވެސް ދީލަތި ބަދަލެއް ދެއްވާނެ ކަމަށް،" ހަނީފް ބުންޏެވެ.

ކަންނެލި މަސްވެރިކަން ކުރާ އެ ދޯނި އޮތީ އިންޝުއާ ކޮށްފަ އެވެ. އެކަމަކު ދޯނި ދެން ބޭނުން ކުރެވޭނީ ބުރި ވެފައިވާ ބައި އަލުން ވަކިކޮށް، މުޅި ދޯނި އެއްކޮށް މަރާމާތު ކޮށްގެން ކަމަށް އެ ދޯނީގެ ކެޔޮޅު ބުންޏެވެ. އަދި އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރި އެވެ.

އިންޖީނު މަރާމާތު ކުރުމަށް ހޯނޑެއްދު އަށް ގެންދިޔަ އެ ދޯނި މިހާރު އަންނަނީ އެހެން ދޯންޏެއްގައި ކަފު ޖަހައިގެން، ގަމަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

ކެރޭނު އަދިވެސް އޮތީ މޫދު އަޑީގަ އެވެ.