ޔާމީން، މާފުށީ ޖަލަށް ގެންދިއުމަށް ކަރެކްޝަންގެ އޮފިސަރުންނާއެކު ލޯންޗަށް އަރަނީ: އެ ޕާޓީން ބުނީ މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރޯދަ މަހަށް ޔާމީން ގެއަށް ބަދަލު ކުރެވޭތޯ ކަމަށް. --- ފޮޓޯ: މިހާރު
16 މާޗް 2023 - 11:05
ޖަލުހުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޕީޕީއެމް ކޯލިޝަނުން އިއްޔެ ބުނެފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އޮތީ ބަންދުވެފަ އެވެ. އެކަމަކު މި މަހުގެ ތެރޭގައި ހައި ކޯޓުން އެ މަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަކީލުންގެ ޓީމުން އަންނަނީ ބުނަމުންނެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަަންގެ ބައެއް ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެންސީ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީން ގެއަށް ބަދަލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީގެ ވަކީލުން ކުރަމުން އަންނަ ކަމަށެވެ.
ހާއްސަކޮށް ކުރިއަށް އޮތީ ރޯދަމަސް ކަމުން ގެއަށް ބަދަލުކޮށް އާއިލާ ކައިރީ އެ މަހު ޔާމީނަށް ހުންނެވޭތޯ ޕާޓީން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީގެ ހުރިހާ ރިސޯސެއް އެބަ ބޭނުންކުރަން ރައީސް ޔާމީން ގެއަށް ބަދަލުކުރެވޭތޯ. ނުކޮޮށް އެއްވެސް ކަމެއް ނުބާއްވަން، ޕާޓީގެ ހުރިހާ ރަސްމީ ގުނަންތަކުން ވެސް މަސައްކަތް ކުރަނީ ޔާމީން އެނބުރި ގެއަށް ވަޑައިގެން، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން، ހާއްސަކޮށް މި އަންނަ ރޯދަ މަހަށް،" ޝުޖާއު ވިދާޅުވި އެވެ.
އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.
ޕީޕީއެމުން މިހާރު ނިންމާފައި ވަނީ އެ ޕާޓީން ވަކިން އިންތިހާބަށް ނުކުތުމަށެވެ. ނަމަވެސް އެ ޕާޓީގެ ކެނޑިޑޭޓް، ޔާމީން ޖަލަށް ލާފައި ވާތީ އެ ޕާޓިން ގަބޫލު ކުރަނީ މި މަސް ތެރޭގައި އެ މަނިކުފާނު މިނިވަން ވާނެ ކަމަށެވެ. އެއާއެކު ރިޔާސީ އިންތިހާބުން ޖާގަ ހޯއްދަވާނެ ކަމަށް ޕީޕީއެމުން ދެކެ އެވެ.
ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ ދޭތެރޭ ކުރާ ސުވާލުތަކަށް ޕީޕީއެމްގެ ޖަވާބަކީ "ޕްލޭން ބީއެއް" ނެތް ކަމަށެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
16 March 2023
ރޯދަމަސް އައި ޔާމީނުގެ ވެރިކަމުގަވެސް. 90 އިން ޢުމުރުފުޅު މައްޗަށް ދިޔަފަހުން އެއްބަފާފުޅު ބޭބެ ގޮޅިއަށްލީ ޝަރީޢަތަކާވެސް ނުލާ. އެއްބަޑެއް ތިމާގެއެއް ނުބަލާ ގާނޫނު ހިންގާ މީހެއްކަން ދައްކަން ގައުމުގެ ޒައީމް ގޮޅިއަށްލީ. އަނިޔާވެރިވުމުގެ ރަހަ މިއަދު ތިމާގެ އަރުތެރޭގަ ލާންފެށުމުން ރޯދަމާ އާއިލާއާ މަންމައާ ބައްޕަގެ މަތިން ހަދާން ތިވަނީ. މެންބަރުސައުދުގެ މަންމަ ނިޔާވެގެން އެފަކީރަށް މަންމަގެ މޫނުވެސް ނުދެއްކި މީހެއްގެ ވާހަކަ މިއަދު ތިޔަ ކިޔަނީ. ލަދް.
ޢޮޑްރޭ
16 March 2023
ޖަލުގަ ތިބޭ މީހުން ރޯދަޔަށް ގެއައް ބަދަލު ކުރާ އުސޫލެއް އޮންނަންޏާ ހުރިހާ ގައިދީން ވެސް ރޯދަޔަށް ގެއައް ބަދަލުކުރަން ޖެހޭނެ. ޔާމީނު އެކަނި ނެރެން މަސައްކަތް ކުރަން ޕީޕީއެމް މީހުން ލަދެއް ނުގަނޭތަ؟ ޥޯޓު ހޯދަން ރައްޔިތުން ކައިރިއަށް ނާންނާތި ވޯޓާ ނުލާ ޔާމީން ހޮވޭ ފޯމިއުލާއެއް ހޯދާ.
ކާނަލްބެ
16 March 2023
ޔާންޓެ، ރޯދަމަހަށް ގެޔަށް ބަދަލު ކޮށްދީ، ޔާމިން ވެރިކަމުގަ އޭނަކާރިން އޭރުގަ ޖަލުގަ ހުރި ރައިސް މައުމޫން ގެޔަށް ބަދަލު ކޮށްދިނުމަށް އެދުނީމަވެސް ނޮކޮށްދިން، އެކަމަކު އެމީހަކު ކުރިކަމެއް އޮތީ އެމީހަކަށް، ޔަމިން ގެޔަށް ބަދަލު ކޮށްދީ އަދި ގެ ވަށާގެން ސިކިއުރިޓީ ވެސް ދީ، އެގެޔަށް އެ ފެމެލީހުން ފިޔަވާ އެހެން މީހުންނަށް، ޔާމިން ގޭގަ ހުއްޓާ ނުވަދަވޭގޮތް ހަދާ،ދީ.
ބޮޑުމީހާ
16 March 2023
ޖަލުގަތިބި އެންމެން ގެއަށް ބަދަލުކުރަންވީނުން
އިބުރާ
16 March 2023
އެހެންވީމާ، މިއީދޯ އަދުރޭބެ އެބުނާ މިނިވަންވުމަކީ
ވިސްނާ.
16 March 2023
ދައުލަތުގެ ހަޒާނާ ދޮވެ ސާފުކޮށްލި ބޮޑެތި މުޖުރިމުންނަށް ލުއި ދޭކަށް ނުޖެހޭ. ރަމަޟާން މަހު ގިނަ ވަގުުތު އަޅުކަމުގަ ހޭދަކުރެވޭނެ ޖަލުގަ ހުއްޓަސް.
ޖަމީލުބެ
16 March 2023
އެއީ އިންސާފުތޯ؟
ގަރަޑަތެޔޮ
16 March 2023
ޔާމީން ކުރެން އަހަންވީނު ރޯދަމަހަކާ ދިމާކޮށް ބޭބޭފުޅު ޖަލަށް ލައިގެން އުޅުނު ހަނދާން ވޭތޯ؟ ޔަޤީން ނުވާނެކަން. ވާނެނަމަ ކުޑައިރުއްސުރެ ކާންދީ ބަލައި ބޮޑުކޮށް ނުވިތާކަކަށް ބޭބެފަކީރު ރޮއި ހޭރި އާދޭސްކޮށްގެން ކެރިކަމަށް ގެނައީ ކާކުކަންވެސް ހަނާންނެތް ބައިގަނޑެއް ތީ!
ހުސަން ބޭބޭ
16 March 2023
ޢިއްޒަތްތެރި ރައީސަަށް އެ މަނިކުފާނު ރޯދަ އަށް ގެ ކޮޅަށް ބަދަލުކޮށްްދެއްވާތޯ އެދި ދަންނަވަމެވެ!
އަހުމަދުބޭ
16 March 2023
ތިޔައުސޫލުން ގެއަށް ބަދަލް ކުރަންވީނޫންތޯ ޖަލުގައި ތިބި އެންމެން، އެމީހުންނަށްވެސް ހަމަރޯދަމަސް އަންނާނެނޫންތޯ އަނބިދަރިންކާރީގައި ތިބެންބޭނުުންވާނެނޫންތޯ