ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ފަހު ނޫސްވެރިންނާ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
22 މާޗް 2023 - 11:26
ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދައްކަވާނެ ވާހަކައެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އެކުލަވާލި އެމްޑީއޭ/އަދާލަތު ކޯލިޝަނާއެކު އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު މުލިއާގޭ ކައިރީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދާ އެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ އެމްޑީޕީގެ އެތެރޭގެ ބޭފުޅުންތަކެއް ކަމަށެވެ.
"އަޅުގަނޑުމެން ނުޖެހޭ އެއަކާ ދޭތެރޭ ވިސްނާކަށް،" ނަޝީދަށް އަމާޒު ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންތަކަކާ އެކު ވަކި ފެކްޝަނެއް ހިންގަވަމުންނެވެ. އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ ހަރަކާތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނަޝީދަށް ނުހެއްދެވޭނެ ކަމަށެވެ. އެމްޑީޕީން އިންތިހާބު ކޮށްފައިވާ ކެންޑިޑޭޓާ އިދިކޮޅަށް ވަޑައިގަތުމަށް ނުނިންމެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަޝީދު ވެސް މަސައްކަތް ކުރަން ވާނީ އެމްޑީޕީގެ އެތެރޭގައި ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ކޯލިޝަން މަޝްވަރާތަކަށް ފަހު ރައީސް ޕާޓީތަކުގެ ލީޑަރުންނާ އެކު މަޑުކޮށްލައްވައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ނަޝީދާއެކު އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނާ އިތުރަށް ވާހަކަ ނުދައްކަވާ ކަމަށެވެ. އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަންކަން ޕާޓީގެ އޮންނަ އޮނިގަނޑުގެ ތެރެއިން ހިނގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އާށް އިންތިހާބު ކާމިޔާބު ކުރަން ކުރަން ޖެހޭ މަސައްކަތް. އެ ނޫން ކަމެއް މިހާރަކު އިންތިހާބާ ބެހޭ ގޮތަކުން ދެން ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ނަޝީދު މިހާރު ގެންދަވަނީ ފާޅުގައި ރައީސް އާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ އެތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަޖިލީހުގައި ވެސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކރުައްވަމުންނެވެ.
އެ ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އާއެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
25 March 2023
ތިދެބޭފުޅުން ގޮތްދޫނުކުރައްވާ ވެރިކަމަށް ދަހިވެތިވެފައި ތިބިލެއް ބޮޑުކަމުންގޮސް އެމް ޑީ ޕީ މިދަނީ ފުޑެމުން. ހުރިހާ ދެރައެއްއޮތީ ޢާއްމު މެމްބަރުންނަށް. ނަޝީދު ހަދާންކުރަންވީ އެމްޑީޕީއަށް މިފަހަރު ވެރިކަން ގެއްލިއްޖެނަމަ މަނިކްފާނަށްވެސްއޮތް ތާއީދު ގެއްލިގެންދާނެކަން.
ޔތޔތ
24 March 2023
ތިޔަތާންގަ ނެތް ކުރައްޕެއްވެސް. ދެން ކާކުތަ އުޅެނޒި ތިޔަ މީހުނަށް ވޯޓުދޭން
އަބްޑޫޅް
24 March 2023
އުނހުނ. އިންތިހާބާ ބެހިގެން ވާހަކަ ދެއްކުމަކީ، ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް.
ބޮޑުމީހާ
22 March 2023
އިބޫއަށް ހީވަނީ 1400 ސިޔާސީ މަގާމު ގާސިމް، މައުމޫން، އިމްރާންގެ ކުދިންނަށް ދީގެން ކުރެވުނީ ވެރިކަމެކޭ. ވެރިންނަކީ ގައުމަށްޓަކައި ނަގަންޖެހޭ އުދަގޫ ނިންމުންތައް ނިންމަންޖެހޭ ބައެއް. ގައުމ 100 ބިލިއަނުން ދަރުވާލާފައި ކޯލިޝަނެއް ދެމެހެއްޓުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަންކަން. ލީޑަރުންނަކީ ސިޔާސީ މީހުން ދައްކާހާ ވާހަކައެއް އަޑުނާހައި ގައުމާއިގެން ކުރިއަށްދާން ވިސްނާ މީހުން. އެމީހުން ވަށައިގެން ތާއިދު ކުރާނެ މާގިނަ ބަޔަކު ނުތިބޭނެ....
ކޮމެންޓްކުރާމީހާ
22 March 2023
މޫނުތަކުން ފެނިގެންދަނީ މާޔޫސްކަން!!!
ބޭކާރު
22 March 2023
ތަރުޖަމާ އަކީ އެއީ ސިސާސީގޮތުން ފެއިްލް ވެފަ ހުރިމީހެކޭ
ސައިޚް
22 March 2023
ނަޝީދާ ނުލާ އިބޫއަށް ކާމިޔާބެއް ނުކުރެވޭނެ، މިތިބީ ބަލަން، ބޮޑުތަނުން ފެއިލްވާނެ، ވަހީދަށް ވީވަރު ވެދާނެ،
ޝީގީޕީން
22 March 2023
ފޮނިކަމެއް ދެއްވާފަ ހުރި
ދނޑގ
22 March 2023
މިޔައް ކިޔަނީ ކާންދޭއަތުގައި ދަތްއެޅުން
ޓީޖެޓީ
22 March 2023
ނަޝީދު 2013 ގައި ފޭލިވިކަން މިވެރިންނަށް ނޭނގެނީބާ؟؟