ގައިދީންނާ ބައްދަލުކުރަން އާއިލާ އިން ދާއިރު ތަކެތި ގެންދިއުން މަނާކޮށްފި

ޖަލުގައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާއިން ދާއިރު، ގައިދީންނަށް އެއްޗެހި ގެންދިއުން ކަރެކްޝަނަލް ސާވިސަސް އިން މަނާކޮށްފި އެވެ.


ގައިދީންނާ ބައްދަލު ކުރުމަށް އެ މީހުންގެ އާއިލާތަކުން ދާއިރު، އެ މީހުންނަށް ލުއި ކާއެއްޗިއްސާއި ކޭކު ފަދަ އެއްޗެހި މީގެ ކުރިން ގެންދެވެ އެވެ.

ނަމަވެސް ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިޝަލް އަހުމަދު ލުގުމާން "މިހާރު" އަށް ވިދާޅުވީ ގައިދީންގެ އާއިލީ ބައްދަލުވުންތަކަށް ދާއިރު ގައިދީންނަށް ތަކެތި ގެންދިއުން މިދިޔަ ހަފުތާއިން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ.

މި ފިޔަވަޅު އެގޮތަށް ވައްދާ ބައެއް އެއްޗެހީގެ ތެރެއިން، ޖަލަށް ވެއްދުން މަނާތަކެއްޗާއި މަސްތުވާތަކެތި ފަދަ އެއްޗެހި ފެނިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަހަކަށް އައިސް މިފަދަ މައްސަލަތައް ގިނައިން ފެންމަތިވޭ. އާއިލާ އިން ކާއެއްޗެހި ގެންދާއިރު، އޭގެ ތެރޭގައި މަނާއެއްޗެހި ވެސް ފޮރުވައިގެން ގެންދޭ. އެހެންވެ، އެކަން ކޮންޓްރޯލް ކުރުމަށް މަނާ ކުރީ،" ލުގުމާން ވިދާޅުވި އެވެ.

އަންހެނަކު ވަނީ މާފުށީ ޖަލުގައި ހުރި އޭނާގެ ބޭބެއަކަށް ގެންދިޔަ ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން މި މަހު ވެސް މަސައްކަތް ކޮށްފަ އެވެ.

އަދި މިދިޔަ ޑިސެމްބަރު މަހު ވެސް، ޖަލުގައި ހުރި މީހަކާ ބައްދަލު ކުރަން ދިޔަ އޭނާގެ އާއިލާގެ މީހެއްގެ އަތުން ވަނީ ޖަލަށް އެތެރެ ކުރަން އުޅުނު ސްމާޓު ފޯނަކާއި ޗާޖަރަކާއި ސިމް ކާޑު ފަދަ ބައެއް އެއްޗެހި އަތުލައިފަ އެވެ. މިތަކެތި ވެސް ފޮރުވާފައިވަނީ އެ މީހާ ގެންދިޔަ ކާއެއްޗެހީގެ ތެރޭގަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އާއިލާއިން މި ގޮތަށް އަމަލު ކުރުމަކީ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީން އިސްލާހު ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އެ ގޮތަށް އަމަލު ނުކުރުމަށް އެތަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.