ހދ. ކުޅުދުއްފުށި: ދޮގު މައުލޫމާތެއް ދީގެން ލޯނެއް ދިން ކަމަށް ބުނެ ދައުވާކުރަން ފޮނުވީ އެރަށުގެ ކުޑަކަތީބަށް
31 ޖެނުއަރީ 2017 - 11:42
ދޮގު މައުލޫމާތު ދީގެން އަމިއްލަ ބަޔަކަށް ލޯނެއް ހޯދައިދިން މައްސަލައެއްގައި ހދ. ކުޅުދުއްފުށީ ކުރީގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީން ދައުވާ ކުރަން ފޮނުވީ 2008 ގައި ގެދޮރު އިމާރާތް ކުރަން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު، ދޮގު މައުލޫމާތެއް ސަރުކާރަށް ދީގެން އަމިއްލަ މީހަކަށް ހޯދައިދިން މައްސަލައެއްގަ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ދޫކުރި އެ ލޯނު ދޫކުރަމުން ދިޔައީ ބައި ބަޔަށް ބަހާލައިގެން، މަސައްކަތް ނިމޭ މިންވަރުންނެވެ. އެ ލޯނުގެ ދަށުން ކުޅުދުއްފުށީ އަމިއްލަ މީހަކަށް ފުރަތަމަ ދިން 30،000ރ. އަށް އިމާރާތުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެޗްޑީއެފްސީ އަށް އެ ރަށު އޮފީހުން އެންގި ކަމަށާއި އެކަމަކު 2013 ވަނަ އަހަރާ ހަމައަށް އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
އެ ލޯނުގެ ފުރަތަމަ ޕޭމަންޓުގެ ފައިސާ ދިނީ ކުޅުދުއްފުށީ އޮފީހުން ދިން ދޮގު މައުލޫމާތަކަށް ބިނާކޮށް ކަމަށްވާ އިރު އެ ލޯނަށް ގެރެންޓީ ދިން މީހުންގެ ތެރޭގައި އޭރުގެ ކުޑަކަތީބު ހިމެނޭ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި ލޯނަށް އެދުނު ފަރާތާއި ކުޑަކަތީބާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
ކުޑަކަތީބުގެ އެ އަމަލަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖާއިޒް ފައިދާއެެއް ހޯދައިދިނުން ކަމަށް ބެލެވޭތީ އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވީ ކަމަށް އޭސީސީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމާމެޑަމް
31 January 2017
ނިކަމެތި ދެރަ ޟައީފު މީހުންގެ މައްސަލަތައް އެހެންނޫންތޯ ކޮބައިތޯ ބިލިއަނުގެ މައްސަލަތައް
ފާތުން
31 January 2017
ބަލަ ޟައީފަކަސް ލައިފަކަސް ކުށެއް ކޮށްފިއްޔާ އަދަބު ލިބެން ޖެހޭނެ. ބިލިޔަނުގެ މައްސަލަތަށް ކުރިއަސް ދާކަން ނޭނގްގެނީތަ؟ މޮޅު ކޮމެންޓެއް ކޮށްލީ ދޯ؟ ނަޝީދު ސަރުކާރުގެ ބިލިޔަނުގެ މައްސަލަތައް އަދިވެސް ކުރިއަށް ނުދޭ.
ސަމާސާ
31 January 2017
ތިވާނީ މައުމޫނަށް ތާއީދު ކުރާ މީހަކަށް.