ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވަނީ.-- ފޮޓޯ: އެމްޑީޕީ
07 އޯގަސްޓް 2023 - 23:41
އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު މިރޭ އިފްތިތާހުކޮށްފި އެވެ.
ޢެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ، ރައީސް އަދި އެމްޑީޕީގެ ކެންޑޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނެވެ.
އެމްޑީޕީން ބުނި ގޮތުގައި، މި މެނިފެސްޓޯ ބަހާފައި ވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ؛
1. އުފާވެރި ދިރިއުޅުން
2. އަމާން މުޖުތަމައު
3. ޒުވާނުންގެ އާޖީލު
4. އިގުތިސާދީ ބޮޑު ބަދަލު
5. ހެޔޮވެރިކަން
އޭގެ ތެރެއިން މިރޭ އިފްތިތާހުކުރީ "އުފާވެރި ދިރިއުޅުން"، މި ސިޔާސަތެވެ.
އެ ސިޔާސަތާ ގުޅޭ ތަފުސީލު ދެއްވީ ސޯޝިއޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ޑރ. އައިޝަތު ޝަފީނާ ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މެނިފެސްޓޯގައި ހިމެނޭނީ، އާންމުންގެ ބައިވެރިވުމާއި މަޝްވަރާ އާއީ ކާމާބެހޭ ފަންނީ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން އެކުލަވާލެވުނު ސިޔާސަތުތަކެކެވެ.
އެމްޑީޕީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ޑރ. އައިޝަތު ޝަފީނާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަނީ-- ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުމެން މި ސިޔާސަތުތައް ބައްޓަންކުރުމުގައި އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރި. ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއި އެ ރައްޔިތުންގެ ބޭނުންވާ ކަންތައްތައް އަޅުގަނޑުމެން އަޑުއެހިން،" އޭނާ ވިދާޅުވި އެވެ.
ޝަފީނާ ވިދާޅުވީ "އުފާވެރި ދިރިއުޅުން" ސިޔާސަތުގައި މައިގަނޑު ތިން ބައެއް ހިމެނޭ ކަމަށެވެ. އެއީ ދުޅަހެޔޮ ބަދަހި މުޖުތަމައު އާއި އުފެއްދުންތެރި ފުދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން، މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯނު ދެއްކުން ބުރައަކަށް ވެފައިވާ ދަރިވަރުންނަށް ލޯނު މާފުކޮށްދިނުން ވެސް ހިމެނޭ ކަމަށެވެ.
"ސްޓޫޑެންޓް ލޯނުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް، ވަޒީފާއެއް ލިބުނު ކަން ކަށަވަރުކުރުމުން ލޯނު އަނބުރާ ދެއްކޭ އުސޫލަށް ބަދަލުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަށް ވެސް ބަދަލު ގެނެސް، ސެޓްފިކެޓް ލެވަލް 1 އިން ފެށިގެން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭ ގޮތަށް ބަދަލުކުރަން ވެސް އެ ސިޔާސަތުގައި ހިމަނާފައިވާ ކަމަށް ޝަފީނާ ވިދާޅުވި އެވެ.
• ނޭޝަނަލް ބަޔޯމެޑިކަލް އިކުއިޕްމަންޓް ސެންޓަރެއް ހެދުން.
• ޑްރޯން ބޭނުންކޮށްގެން ސާމްޕަލް ޓްރާންސްފާކުރުން.
• ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކާ އެއްގޮތަށް ފިޓްނަސްގެ ދާއިރާ ރެގިއުލޭޓްކުރުން.
• ސައިކަލު ޕެރަމެޑިކްސްގެ ހިދުމަތް ފެށުން.
• ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ ވަރުގަދަކޮށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ރިކަވަރީ ވިލެޖު ހެދުން.
• ހައުސިން ފައިނޭންސް ފޯރުކޮށްދޭ ވަކި ބޭންކެއް ހެދުން.
• ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓްކުރުން.
• ކައުންސިލް ހައުސިން ތައާރަފުކުރުން.
• ޒަކާތާ ބެހޭ ގާނޫނެއް ހެދުމާއި ހައްޖާއި އުމުރާގެ އަގު ކޮންޓްރޯލްކުރުން.
• ދިވެހިބަސް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ކޮންޓެންޓް ތައްޔާރުކުރުމަށް މާލީ އެހީ ބީސީސީ މެދުވެރިކޮށް ހޯދުން.
• ކަނޑައެޅޭ ވަކި އުސޫލަކުން ސްޓޫޑެންޓް ލޯނު މާފުކޮށްދިނުން.
މެނިފެސްޓޯގެ ތަފުސީލު އެމްޑީޕީގެ ވެބްސައިޓުގައި ޝައިއުކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލޭގޯތިބަހާގެންވޯޓްލިބޭތީއެހެންކަމެއްބޭނުމެއްނޫން
08 August 2023
މުޅީންވެސް ހުރީ ހަރަދު ބޮޑުކުރުން. އާމްދަނީ ލިބޭނެ ހަމަ އެއްކަމެއްވެސްނެތް
ކުޑަހަސަނު
08 August 2023
އަޖައިބުވެ އަންތަރީސް ވެއްޖެ. މެނިފެސްޓޯ އެކުލަވައިލިއިރު ބާރުވެރިކަން އޮވެ، މިއިން އެއްކަމެއްގެ ކޮޅުމަތިވެސް ފެންނަ ފަށަށް މިވާހަކަ ވިދާޅުވެފައިނެތް. ހައްތާވެސް ސިމެންތި ކޮންކްރީޓގެ މަސައްކަތް ކަމަށް ވައުދުވަމުން ދަނީ. ކޮންމެ ރަށަކަށް އެއަޕޯރޓެއް. މުސްކުޅިން ބުނެއުޅޭ، ކާޅަކަށް ދޮންކޭލެއް ނުކެވޭނޭ. ފެންނަނީ ހަލާކުގެ ކުރިމަގު. ތިޖޫރީ ހުސްވާއިރަށް ފައިސާ ޗާޕުކުރުން. ކަމެއް ކުރަން ވާއިރަށް އިންޑިޔާއިން ލޯނު ނެގުން. ދަރަނި ދަރަނި. ދަރަނި.
ވޯލް
08 August 2023
މެނިފެސްޓޯގެ ލިންކްއެއްވެސް ނެތީތޯ؟
ފަޔާޒު
08 August 2023
ހުސް ނާޒިމުގެ ވައުދުތައް ކޮޕީ ކޮއްފަ
އުމޭރު
08 August 2023
ކުރީ ދައުރުގަ %90 ވައުދު ނުފުއްދާ ފުރަތަމަ އެވައުދުތައް ފުއްދަބަލަ
ދޮގުތީ
08 August 2023
އިބުރާހީމް މުޙައްމަދު ޞާލިޙަކީ އެންމެ ގިނަ ވަޢުދު ފުއްދި ރައީސް.
އަމާނާ
08 August 2023
އިސްލާމް މާއްދާ އިނގިރޭސި ކުރުންވެސް ހިމެނޭ
ކީކޭބުނާނީދެން
08 August 2023
މިވާހަކަ ތަކުން މިއެގިގެން ދަނީ ކޮންމެފަދަ ވައުދެއްވެގެންވެސް ބޭނުންވަނީ ވެރިކަންކަން.
ގަބުޅިބޯ
08 August 2023
އެއްވެސް ޝައުގުވެރިކަމެއް ނެތް. ވެރިކަމަށް އައިސް ކަލޭމެން ގަންނަގަނޑު ފެނިބާވެއްޖެ. އެބައޮތް އިއުލާނުކޮއްފަ އެމް.ޕީ.އެލް އަށް ދުވާލަކު 500ރ ގެ މަގުން ވަގުތީ ދިވެހި މުއަޒިފުން ބޭނުންކަމަށް އިއުލާނު ކޮއްފަ. ބަނދަރުގައި ކުއްލިއަކަށް ވޯޓަށް މަހަކަށް ވީތަނާ ބޯޓުތަށް އިތުރުވީތަ. މިއީ އިންތިހާބަށް ނުފޫޒްފޯރުވަން މިމީހުން ހޯދި އާއުކުޅެއް. އެސްއޯއީ ތަކުގައި ބޭކާރަށް ވައްދާފަ ތިބިމީހުން މަދުވީތަ.
ބަލަގަ
08 August 2023
ރައީސް ޔާމީންގެ އެޗްޑީސީ ކޮޕީކުރީ ދޯ؟
އިބުރާހިމް
08 August 2023
މިހާރުވެސް މިއުޅެނީ އުފާވެރި ދިރިއުޅުމުގަ ސަލާޖަހާގެން ލިބޭމަދުލާރިކޮޅުވެސް ކުނިކޮތަޅާއެކު އެއްލާލަންޖެހެނީ ވިޔަފާރިވެރިން ކޮތަޅުވިޔަފާރި ފުޅާކޮއްފި ކިހާއުފާވެރި ދިރިއުޅުމެއްދޯ
ޖަވަން
08 August 2023
ކަނޑައެޅޭ ވަކި އުސޫލަކުން ކިޔަވާ ލޯން މާފްކުރުން..މީގޯހެއް..ކަނޑައެޅޭ ވަކި އުސޫލު..މިއުސޫލު ހިނގާނީ ވަކިބަޔަކަށް..
ޖަމީލު
08 August 2023
ބަލަ، އުސޫލެއް އޮތުމުން ކަމަކު ނުދޭ؟