އެޗްއައިއެޗްގެ މެނޭޖްމަންޓް ބަދަލުނުކުރާ ނަމަ އަލުން އިހުތިޖާޖުކުރާނަން: މުވައްޒަފުން

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގެ މެނޭޖްމަންޓް ބަދަލުނުކުރާ ނަމަ އަލުން އިހުތިޖާޖު ކުރާނެ ކަމުގެ އިންޒާރު އެ މުވައްޒަފުން މިއަދު ދީފި އެވެ.

ހުޅުލޭގައި ހިންގާ ފަސް ތަރީގެ ހޮޓަލުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އިއްޔެ އިހުތިޖާޖަށް ނުކުތީ އެ ހޮޓަލުގެ މެނޭޖްމަންޓުން ދިވެހިންނާއި ބިދޭސީންނާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ އެވެ. އެހެންވެ އެ ތަނުގައި މަސައްކަތްކުރާ 80 ވަރަކަށް ދިވެހިން އިއްޔެ ހަވީރު ހައެއް ޖެހި އިރު ހޮޓަލުގެ ރެކްރިއޭޝަން ކްލަބްގެ ހޯލުގައި އިހުތިޖާޖް ފެށީ މުވައްޒަފުންގެ މައްސަލަތައް ހައްލުކޮށް ނުވަތަ މެނޭޖްމަންޓް އިސްތިއުފާ ނުދެނީސް އިހުތިޖާޖް ހުއްޓާނުލާނެ ކަމަށް ބުނެ އެވެ. އެ މުވައްޒަފުން ރޭ ދަންވަރު 12 ޖަހަންދެން އިހުތިޖާޖް ކުރި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގެ ދިވެހި ބައެއް މުވައްޒަފުން ރޭ އިހުތިޖާޖުކުރަނީ: އެ މީހުން ގޮވާލަނީ މެނޭޖްމަންޓް އިސްތިއުފާ ދިނުމަށް.

އެ އިހުތިޖާޖްގައި ބައިވެރިވި މުވައްޒަފަކު މިއަދު ބުނީ ރޭ ދަންވަރު އިހުތިޖާޖު ހުއްޓާލީ މެނޭޖްމަންޓާއި ކުންފުނީގެ ބޯޑު މެމްބަރުން މިއަދު މެންދުރު ފަހު ތިނެއް ޖެހުމުގެ ކުރިން އެ މީހުންނާ ބައްދަލުކޮށް އެ މީހުންގެ ކަންތައްތައް ހައްލުނުކޮށްފި ނަމަ އަލުން އިހުތިޖާޖްކުރަން ނިންމައިގެން ކަމަށެވެ.

"އަދިވެސް މެނޭޖްމަންޓުން އެއްބަހެއް ނުވޭ ބައްދަލުކުރާކަށް. ބޯޑު މެމްބަރުންގެ ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން ބޭނުން ވަނީ ބޯޑު މެމްބަރުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން. މެނޭޖްމަންޓުން ބޭނުމެއް ނުވޭ މި މައްސަލަ ހައްލުކޮށްދޭކަށް،" އޭނާ ބުންޏެވެ.

ހުޅުލޭގައި ހިންގާ ހަމައެކަނި ހޮޓަލުގެ އެ މުވައްޒަފު ބުނީ އެ މީހުން އިހުތިޖާޖު ކުރަނިކޮށް ފުލުހުންގެ ބަޔަކު ގޮސް އެ ތަނުގައި ތިބި މީހުން ކުރަނީ މަނާ ކަމެއް ކަމަށް ބުނެ އެކަން ހުއްޓާލަން އެންގި ކަމަށެވެ.

"ފުލުހުން ވިދާޅުވީ މިތާނގައި ތިބެ އިހުތިޖާޖް ކުރުމަކީ މަނާކަމެއް ކަމަށް. ނަމަވެސް އަޅުގަނޑުމެން ބުނިން ހޯލުގައި ތިބެގެން އިހުތިޖާޖްކުރި ނަމަވެސް އެއްވެސް ބަޔަކަށް އެކަމުން އުނދަގުލެއް ނުވާނެ ކަމަށް،" އޭނާ ބުންޏެވެ.

"މިހާރު'އާ ވާހަކަދެއްކި އެ ތަނުގެ އިސް އޮފިޝަލަކު ވިދާޅުވީ މުވައްޒަފުން އެދުނު ގިނަ ކަންތައްތައް ހައްލުކޮށްދީފައިވާނެ ކަމަށެވެ. އެ ގޮތުން ބޭންކު ރޭޓުން އަހަރަކު 5،000 ޑޮލަރު ގަންނަން ލިބޭނެ ސްކީމެއް ތައާރަފް ކުރުމުގެ އިތުރުން މުސާރަ ލަސްވެގެން ކޮންމެ މަހެއްގެ 29 ވަނަ ދުވަހު ޖަމާކުރުމުގެ އިތުރުން ޓްރެވަލް އެލަވަންސް ވެސް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގެ އެސްއޭޓީއެސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުލޭގައި ހިންގާ ހޮޓަލުގައި ދިވެހިންނާއެކު ގާތްގަނޑަކަށް 180 މުވައްޒަފުން މަސައްކަތްކުރެ އެވެ.