ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި

ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.


ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 51 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

މި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރަކު އިންނެވި އެވެ. އިސްލާހު ބަލައިގަތުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން އިތުރަށް ދިރާސާ ކުރަން މުޅި މަޖިލީހުގެ ކޮމެޓީއަކަށް ވަނީ ފޮނުވައިފަ އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ. އަދި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އާމިރު ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ ސިއްހަތަށް ގެއްލުންދޭ އެއްޗެހި ވީހާ ވެސް މަދުކުރަން ބާރު އެޅުން ކަމަށެވެ.

މަޖިލީހުން ފާސްކުރި 2017ގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިނގިރޭޓާއި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުން ހިމެނެ އެވެ. އަަދި ބަޖެޓްގައި ސިނގިރޭޓެއްގެ އަގު ބޮޑުކުރާނެ ކަމަށް އޮތީ 1.75ރ އަށެވެ. އެކަމަކު މިހާރު ހުށަހަޅާފައި ވަނީ އެއަށް ވުރެ ވެސް ބޮޑުކުރާ ގޮތަށެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ.