ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ އައިޖީއެމްއެޗުން ނަގައިދީފި

ށ. ފޭދޫގައި ހަތަރު އަހަރުގެ ކުޑަކުއްޖެއްގެ ކަރުގައި ތާށިވި އެއް ރުފިޔާ، އެ ރަށު ސިއްހީ މަރުކަޒުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނުނެގުނު ނަމަވެސް ފަސޭހަ ކަމާ އެކު އައިޖީއެމްއެޗުން ނަގައިފި އެވެ.


މި ކުޑަކުއްޖާ އަށް ރުފިޔާ ދިރުވައިލެވުނީ، އިއްޔެ ހަވީރު ކާޓޫން ބަލަން ގޭތެރޭގައި އިންދައި ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ރުފިޔާ ދިރުވާލެވުމުން އެ ކުއްޖާ ފުރަތަމަ ގެންދިޔައީ، ފޭދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު އެ ތަނުގައި އެކްސްރޭ ނެގޭނެ ގޮތެއް ނެތިގެން ފަރުވާއެއް ނުދެވުނެވެ.

ދެން އެ ކުއްޖާ ގެންދިޔަ، ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ކަރުން މަތީގެ ޑޮކްޓަރަކު ނެތުމުން އެ ތަނުން ވެސް އެ ރުފިޔާ ނެގޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ގިނަ އިރުތަކެއް ވާންދެން ހޮސްޕިޓަލުގައި ބޭއްވުމަށް އެ ކުއްޖާ މާލެ ގެނައީ މިއަދު ހެނދުނެވެ.

"މިކޮޅަށް ގެނައި އިރު ކޮއްކޮ އަށް އެއްވެސް އެއްޗެއް ނުކެވޭތީ އޭނާގެ ހާލު ދަށް. އެކަމަކު މިހާރު އޮޕަރޭޝަންކޮށް، ރުފިޔާ ނެގުމުން ހާލު ރަނގަޅު ވެއްޖެ،" ކުޑަކުއްޖާގެ އާއިލާގެ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ރުފިޔާ ނެގުމަށް ބައި ގަޑިއިރެއްހާ އިރު ވެސް ނުނަގާނެ އެވެ.

ކުޑަކުދިން މިގޮތަށް ދިރުވާލާ އެއްޗެހި، ފުއްޕާމޭން ނެގުމުގެ ރިސްކީ އޮޕަރޭޝަންތައް މީގެ ކުރިން ކާމިޔާބު ކަމާއެކު އައިޖީއެމްއެޗުން ކޮށްފައި ވެ އެވެ. އެގޮތުން ދިރުވާލާ ސުޕާރީ އާއި ބުރުގާ ޕިން ފަދަ އެއްޗެހި، ކަރުތެރެ އަށް ވަކި ބާވަތެއްގެ އާލާތެއް ލައްވައިގެން ނަގާފައި ވެ އެވެ.

އާއިލާ އިން ބުނި ގޮތުގައި ކުޑަކުއްޖާ މާލެ ގެނައީ، ކުޅުދުއްފުށީގައި އެކަމަށް ފަރުވާ ދޭނެ ޑޮކްޓަރެއް ނެތުމުން އެ ކުއްޖާގެ ހާލު ދަށަށް ދާތީ އެވެ.