މަދިރި މަދުކުރުމުގެ ކެމްޕެއިންގެ ތެރެއިން ބަޔަކު ކުނި ސާފުކުރަނީ.--ފޮޓޯ:އެޗްޕީއޭ
16 މެއި 2016 - 13:21
ޑެންގީ ހުން ޖެހިގެން މި އަހަރުގެ މިހާތަނަށް 551 މީހުން ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އޭޖެންސީގެ ތަރުޖަމާނު ތަސްލީމާ އުސްމާން ވިދާޅުވީ މި އަހަރުގެ މިހާތަނަށް މާލެ އިން 184 އަދި ރަށްރަށުން 367 މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މަދިރި މަދުކުރުމުގެ ގައުމީ ކެމްޕެއިން ވެސް ހެލްތް މިނިސްޓްރީން މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޑެންގީ ހުން ޖެހިގެން ދެ މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވިޔަސް އެ މީހުން މަރުވީ ސީދާ ޑެންގީ ހުން ޖެހިގެން ކަން ޔަގީން ކުރަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަދިިރި މަދުކުރުމުގެ ގައުމީ ކެމްޕެއިންގެ ދަށުން ތަންތަން ފޮގުކުރުމާއި ސާފުކުރުމުގެ އިތުރުން ޑެންގީ ހުމަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އެކި މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ގއ. ދާންދޫން ގިނަ އަދަދަކަށް ރިޕޯޓު ލިބޭކަން ފާހަގަކުރެވޭތީ އެ ރަށުގައި ވެސް ބޮޑަށް ފޮގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ދެ ހަފުތާގައި އެންމެ ގިނައިން ޑެންގީ ހުމުގެ ރިޕޯޓު ކޮށްފައިވަނީ މާލެ އަދި ހުޅުމާލެއިން ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy