ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ނިންމައިފި

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.


އެމްއެންޑީއެފްގެ 12 ވަނަ ހެވިކަމުގެ މުބާރަތް ފެށުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ސިޔާސީ ކަންކަމަށް ބެލުމެއް ނެތި، އެ ކަންކަމުގައި ބައިވެރިނުވުމަކީ ސިފައިންގެ ދުސްތޫރު ކަމުގައި ބަލަން ޖެހޭ ކަމަށެވެ.

ހަމަ އެއާއެކު، ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ގައުމީ ހިދުމަތް ކުރުމުގައި މަސައްކަތް ކުރެވޭނެ ގޮތެއްގެ މަތިން ގާނޫނީ ކަންކަން ހަމަޖެއްސުމަކީ ކުރަން ޖެހިފައިވާ ކަމެއް،" އާދަމް ވިދާޅުވި އެވެ.

އެހެންވެ، ސިފައިންގެ ގާނޫނުގައި ބުނާ 20 ވަނަ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތަށް ނިންމީ ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ގައުމަށް ހިދުމަތް ކުރުމަށް ހާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާ ހަރުދަނާކޮށް ކުރިއެރުވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްވާ އިރުޝާދާ އެކުގައި، ސިފައިންގެ ސިފަވަންތަކަމާއި ސުލޫކާއި އަހުލާގު ކުރިއަށް ވުރެ ރަނގަޅުވަމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން ސިފައިންނާ މެދު ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކަމާއެކުގައި ސިފައިންގެ ސަފުތައް އޮތީ ބަދަހި ކަންމަތީގައި،" އާދަމް ވިދާޅުވި އެވެ.