ފަސްޓް ލޭޑީ ފާތުން ގއ. އަތޮޅަށް ވަޑައިގެންފި

ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.


"އެންމެ ގާތުން" ރައްޔިތުންގެ ހާލު ބެއްލެވުމަށް އެކަމަނާ ފައްޓަވާފައިވާ ކެމްޕެއިންގެ ދަށުން ކުރައްވާ މި ދަތުރުފުޅުގައި މާމެންދޫ އަދި ނިލަންދޫ އަށް މިއަދު ވަޑައިގަންނަވާނެ އެވެ. އަދި ކޮލަމާފުއްޓާއި ވިލިނގިއްޔަށް މާދަމާ ވަޑައިގަންނަވަން ހަމަޖައްސާފައިވާ ކަމަށް ފަސްޓް ލޭޑީގެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކެވި އަދުލީ އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާ އަދުލީ ވިދާޅުވީ، އެ ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ހާލު ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން ފަސްޓް ލޭޑީ ބައްލަވާނެ ކަމަށެވެ.

ފަސްޓް ލޭޑީ ފާތުން މާމެންދޫ އަށް ވަޑައިގަންނަވާތީ އެކަމަނާ އަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެގެން.--- ޓްވީޓާ ފޮޓޯ: މެމްބަރު އިބްރާހިމް ދީދީ

"މި ދަތުރުފުޅުގައި ރައްޔިތުންގެެ ހާލު ބައްލަވައި، އެ މީހުންނަށް ދިމާވާ ދަތިތައް ބައްލަވާނެ،،" އަދުލީ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުން މިދިޔަ ޖެނުއަރީމަހު ފެއްޓެވި "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން މިދިޔަ ފެބްރުއަރީމަހު ވަނީ ނ. އަތޮޅަށް ވެސް ވަޑައިގެން އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބައްލަވައިފަ އެވެ.

އަދުލީ ވިދާޅުވީ މި އަހަރު ވެސް ގިނަ ރަށްރަށަށް ފަސްޓް ލޭޑީ ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށާއި އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހާލު އެންމެ ގާތުން ބެއްލެވުން ކަމަށެވެ.

ފަސްޓް ލޭޑީ ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަޑައިގަތެވެ.