ރާއްޖޭގެ ރަށްރަށުގައި ކުރިއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން މި ފަހަކަށް އައިސް ބައެއް ރަށްރަށުން ކުރާ ކަންތަކުން އަންނަނީ ފެންނަމުންނެވެ. މި ފަހަރު އެ މަންޒަރު ފެނުނީ ތ. ވަންދޫންނެވެ.
ރަށުގެ ރައްޔިތުން ނިކުމެ ހިތްފަސޭހަ ކޮށްލުމަށް އެ ރަށުގައި ހަދާ ބިޔަ ޕާކުން، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން އަންނަނީ ފެންނަމުންނެވެ.
ވަންދޫގެ މީހުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާ ކުރުމަށް އެ ރަށުގެ ޒުވާނުންތަކެއް ބޭނުންވީ ރާއްޖޭގެ އެހެން ރަށެއްގައި ނުހަދާހާ ބިޔަ ޕާކެއް ހެދުމަށެވެ. ކުޑަކުދިންނާއި ޒުވާނުންނާއި ދުވަސްވީ މީހުންނަށް ވެސް ވަކި ބައެއް ހާއްސަކޮށްގެން ހަދާ 6،000 އަކަފޫޓުގެ ޕާކުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު މި މަސައްކަތުގައި އެ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެ އެވެ.
ގާތްގަނޑަކަށް 400 ގެ އާބާދީއެއް އޮންނަ ވަންދޫގެ އުތުރު ފަރާތު އަތިރިމައްޗަށްވާ ފަޅީގައި މި ޕާކު ހަދަނީ އެންމެ އިހުގައި ރަށެއް އޮންނަ ގޮތަށެވެ. ދުވަސްވީ މީހުން ކަސްރަތު ކުރުމަށާއި ކުޑަކުދިން ކުޅެ އުޅުމަށް ވަކި ތަނެއް ހާއްސަ ކުރާއިރު ބާބަކިއު ހެދޭ ގޮތަށް ވެސް އެތަނުގައި ހުރެ އެވެ. އަދި މުޅި ޕާކުގައި އުނދޯލިގެ އާއި ޖޯލިފަތި ބަހައްޓާއިރު އެ ސަރަހައްދު މޫދުގައި ވެސް، ދުއްވޭ ގޮތަށް ކުދި ރިޔަލު ދޯންޏާއި ބޮއްކުރާތައް އަޅާފައި އޮވެ އެވެ.
ރޭގަނޑުގައި ވެސް އެތަން ދިއްލާފައި އޮންނަނީ އިހުގައި ގެތައް ދިއްލާފައި އޮންނަގޮތަށް ފަނޑު އައްޔަކުންނެވެ. އެތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެނާޖީ ޑްރިންކް މަނަލެވެ.
"އަޅުގަނޑުމެން ބޭނުންވީ ވަންދޫ އަކީ ވެސް ނަމޫނާ ރަށަކަށް ހަދަން. ޕާކު ހަދަން ފެށުމާއެކު ރައްޔިތުންގެ ފަރާތުން ހީނުކުރާވަރުގެ އެކުވެރިކަމާއި އެއްބާރުލުން އަންނަނީ ފެންނަމުން،" ޕާކު ހެދުމުގައި ޒުވާނުންގެ ތެރެއިން އިސްކޮށް އުޅުނު އިބްރާހިމް އަބްދުއްރަހީމް ބުންޏެވެ.
ދަރުމައަށް މަސައްކަތް ކުރުމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ހަސަން ޝިޔާމްގެ ހިޔާލަކަށް ބިނާކޮށް ވަންދޫ ރައްޔިތުން މި ޕާކު އަޅަން ނިންމީ ރަށުގައި އުފެދިދާނެ ހިޔާލުތަފާތުވުންތައް ކުޑަކޮށް، ރައްޔިތުންގެ އެކުވެރިކަން މިހާރަށް ވުރެ ވެސް ބޮޑަށް އާލާކުރުމެވެ.
"އަޅުގަނޑުމެންނަށް ފެނޭ އެކިކަންކަމާ ގުޅިގެން ރަށްރަށުގައި ހިޔާލުތަފާތުވެފައިވާތަން. އެހެންވެ، މިކަން މިރަށުގައި އުފެދުނަ ނުދިނުމަށް ކުރިއަށް ވިސްނައިގެން ހަދާ ޕާކެއް މިއީ،" އިބްރާހިމް ބުންޏެވެ.
ބޯކޮށް ގަސްހެދިފައި އޮންނަ މި ސަރަހައްދު އަލިކޮށް، ރަށުގެ އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާ މި ޕާކުގެ ހުރިހާ މަަސައްކަތެއްގައި ވެސް ދެ ޖިންސުގެ ބައިވެރިވުން އޮވެ އެވެ.
ހާއްސަކޮށް މި ކަމުގައި ރަށުގެ އަންހެނުންގެ ދައުރު އޭނާ ފާހަގަ ކުރި އެވެ.
ރާއްޖޭގެ ރަށެއްގައި ހަދާ އެންމެ ބޮޑު މި ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ގަ އެވެ. މި ރަސްމިއްޔާތުގައި މާލޭގެ އިތުރުން ތ. އަތޮޅުގެ ގިނަ ބަޔަކު ވެސް ބައިވެރިވާނެ ކަމަށް އެކަމުގައި އިސްކޮށް އުޅުނު އިބްރާހިމް ބުންޏެވެ.