މެމްބަރު ވަހީދުގެ ދަރިފުޅު ރައީސް އޮފީހުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ސިޔާސަތުތަކާ ދެކޮޅު ހައްދަވައި، އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ދަރިފުޅު ރައީސް އޮފީހުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.


ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގައި މަސައްކަތް ކުރައްވާ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައްޔިތުންގެ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކު އަޅުގަނޑުގެ ދަރިފުޅު، ސަރުކާރުގެ ވަޒީފާ އިން ވަކިކޮށް އެކަން ދާދި ދެންމެއަކު އަންގައިފި" ކަމަށެވެ.

ރައީސް އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވްއެއްގެ ވަޒީފާގައި ހުރި، ވަހީދުގެ އަންހެން ދަރިފުޅު އެ މަގާމުން ވަކިކުރީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ރައީސް އޮފީހުގައި މުޅިން ވެސް ހުންނަނީ ސިޔާސީ މަގާމުތަކެވެ.

ވަހީދުގެ ދަރިފުޅު ރައީސް އޮފީހުގެ ވަޒީފާ އަށް ވަނީ މީގެ ގާތްގަޑަނޑަކަށް ދެ އަހަރު ކުރިންނެވެ.

މިކަމާ ގުޅޭ ގޮތުން ވަހީދު މީޑިއާ އަށް ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ވަހީދު ވަނީ މަޖިލިހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމަށް މަޖިލިހަށް ހުށަހެޅުއްވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސް އަދި މައުމޫންގެ ފެކްޝަނުން ރޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް މަސީހް މަޖިލިސް ހިންގާ ގޮތަށް ވަހީދު ވަރަށް ބޮޑަށް ވިދާޅުވެފައިވެ އެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކު، މެމްބަރު ވަހީދުގެ ދަރިފުޅު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއިރު، މައުމޫން އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާ އަށް އިއްޔެ ފުރާވަޑައިގަންނަވަން ބޮޑީގާޑުން ހަމަޖައްސައި ދިނުމަށް އެދިވަޑައިގަތުމުން އެމްއެންޑީއެފުން އެކަން ފުރިހަމަކޮށެއް ނުދިނެވެ. އެހެންވެ މައުމޫން ފުރާވަޑައިގަތީ ބޮޑީގާޑުންނާ ނުލަ އެވެ.

ނަމަވެސް ކުރީގެ ރައީސުންނަށް ސެކިއުރިޓީން ފޯރުކޮށްދިނުމަކީ ގާނޫނުގެ ދަށުން އެމްއެންޑީއެފަށް ލާޒިމް ކަމެކެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން މިހާތަނަށް ވާހަކައެއް ނުދައްކަ އެވެ.

މަސީހް މަގާމުން ވަކިކުރުމުގެ ވިސްނުން އައީ ސީދާ މައުމޫންގެ ފަރާތްޕުޅުން ކަމަށް އެނގިފައި ވެ އެވެ. އަދި އެ ކަމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ވެސް ފާރިސް އެވެ.