މަސީހު ވަކިކުރުމުގެ މައްސަލަ މި މަހުގެ 27 ގައި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ މި މަހުގެ 27 ގައި ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވައިފި އެވެ.


މަސީހް ވަކިކުރުމުގެ މައްސަލަ 26 މެމްބަރެއްގެ ސޮޔާއެކު، މަޖިލިހަށް ހުށަހެޅީ މިދިޔަ ބުދަދުވަހުގަ އެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނެވެ. މިއީ ސީދާ މައުމޫންގެ އިސް ނެންގެވުމެކެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ ނޯޓިސް ދޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 10 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މަޖިލީހުގެ ޖަލްސާ އަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އޭގެ ފަހުން އެހެން އެއްވެސް މައްސަލައަކާ މެދު ބަހުސް ކުރަން ފެށޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގަ އެވެ.

ގަވައިދު ބުނާގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް އެވެ. އަދި ރައީސްގެ އިތުބާރު ނެތް ކަމުގެ ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވެ އެވެ. މަޖިލީހުގެ ރައީސާ ދެކޮޅު މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު ވެސް ގަވައިދުން ފަހިކޮށްދީފައި ވެ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ، އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

މަޖިލިހުގެ ރައީސްކަމުން މަސީހް ވަކިރުމަށް ނަގާ އިތުބާރު ނެތް ކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން ގުޅިގެން ކާމިޔާބު ކުރާނެ ކަމަށް ބުނާއިރު، ވެރިކަންކުރާ ޕީޕީއެމާއި އެމްޑީއޭ އިން ބުނީ އެ ވޯޓު ފަސޭހަމަކާ އެކު ފެއިކް ކޮށްލާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމްގައި 48 މެމްބަރުން ތިއްބަވާއިރު، އެ ޕާޓީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގައި ހަ މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީގައި ހަތް މެމްބަރުން ތިއްބަވާއިރު އަދާލަތު ޕާޓީގައި އެއް މެމްބަރަކު، މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ.

މިހާތަނަށް މަޖިލީހުގައި ނަގާފައިވާ މުހިއްމު ބޮޑެތި ވޯޓުތަކުގައި އިިދިކޮޅު ފަރާތްތައް ގުޅިގެން ހޯދިފައި ވަނީ އެންމެ ގިނަ އަދަދަކަށް ވެސް ތިރީހަކަށް ވޯޓެވެ. އެކަމަކު ސަރުކާރު ކޯލިޝަނަށް ލިބޭ ވޯޓުގެ އަދަދު 50 އަށް ވުރެ މައްޗެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލއެެއް މީގެ ކުރިން ވެސް މަޖިލިހަށް ވެއްދި އެވެ. އެކަމަކު އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ތައްޔާރުވެފައި ވަނިކޮށް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް މަސީހް މަގާމުން ވަކިކުރުމަށް މި ފަހަރު އެންމެ އިސްކޮށް ހުންނެވި ފާރިސް ވިދާޅުވަނީ، އެކަން ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށް، ވޯޓު ކަށަވަރުވެފައިވާ ކަމަށެވެ. އެހެންވެ މަސީހް މަގާމުން ދުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ބޭނުންވާނީ 42 މެމްބަރުންގެ ވޯޓެވެ.