މައުލޫމާތު ނުލިބިގެން ހުށަހެޅި މައްސަލަތައް ހައްލުކޮށްދިނިން: އިންފޮމޭޝަން ކޮމިޝަނަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް ހައްލުކޮށްދީފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވެއްޖެ އެވެ.


އެ ކޮމިޝަނުގެ އަހަރީ ރިޕޯޓް ނެރެން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅީ 53 މައްސަލަ ކަމަށެވެ. މީގެތެރެއިން 50 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ހޯދައިދޭން އެދި އެވެ. އެފަދަ އަށް މައްސަލައެއް ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބީލަމުގެ މައުލޫމާތާއި ތަހުގީގުތައް ނިންމި ގޮތުގެ ރިޕޯޓް ހޯދައިދޭން އެދި ކަމަށް ވެސް އަބްދުލްއަޒީޒް ވިދާޅުވި އެވެ.

"މި އޮފީހަށް ހުށަހެޅި ގިނަ މައްސަލަތަކަށް ވާނީ ހައްލު ހޯދައިދީފައި. އެއްވެސް މައްސަލައެއް ހުށަހަޅައި ލަސްވެއްޖެ ނަމަ، ލަސްވެފައި އޮންނާނީ އެތަނަކަށް މައުލޫމާތު ދޭން އެންގީމަ، ބައެއް ފަހަރު މަދު އިދާރާތަކަށް [މައުލޫމާތު ފޯރުކޮށްދިނުން] ލަސްކުރެވިފައި ހުރީމަ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަހުލުވެރިކުރުވަން މިދިޔަ އަހަރު ވެސް އެ އޮފީހުން ގިނަ ހަރަކާތްތަކެއް ވަނީ ހިންގައިފަ އެވެ.