ުސުޕްރީމް ކޯޓްު ކައިރިން މީހަކު ހިނގާފައި ދަނީ.-- ފޮޓޯ: މިހާރު
10 މާޗް 2025 - 14:25
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ އެންމެ މަތީ ކޯޓުން ހުސްވެފައިވާ ގޮނޑިއަށް އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަންޖެހެ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި އަލީ މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރޭގައި ސުއޫދު ހިމެނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މިހާރު ވަނީ ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
11 March 2025
ދެން ގެނެސް ލާނީ ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތް، ސީޔާސި މީހަކު. މިއީ ނޫންތީ މިނިވަން މުއައްސަސާތަކަށްވެސް ރ.މުއީޒު ހަދާ ގޮތަކީ. ދެން ކޮންމެ ފަދަ މޮލު ކަމެއް ރައީސް ކުރއްވިޔަސް އިތުރު ދައުރެއް ދޭކަށް ވޯޓެއް ނުލާނަން. ރައީސަކު ސީދާ ނުފޫޒު ރަގަލަށް ހިންގަ ހިނގާ ހުރި ސުޕްރީމްކޯޓަށް ފޯރުވުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން.
ނީލަމް މުހައްމަދު
11 March 2025
ކޯޓްތައް އިސްލާހް ކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް މިދަނީ. އުފާވެރި ހަބަރެއް.
ޖުންމާ
11 March 2025
ފަނޑިޔާރު ކަމަކީ ބިރުހުރި ކަމެއް ކައިރި ނުވާތި އިންސާފު ގާއިމް ކުރެވޭފަދަ މާހައުލެއް މިގައުމުގައި ނެތް.
ބުރަތޭރީ
10 March 2025
މިހާރު ތިބި ފަނޑިޔާރުންނަކީވެސް އެމްޑީޕީ ސަރުކާރު ބޭނުންވިގޮތަށް، ކުރީގެ ފަނޑިޔާރުން އެކިކަހަލަ ބަހަނާތަކާ، ބިރުދައްކައިގެން ބޭރުކޮށް، ހަދިޔާދޭ އުސޫލުން ވައްދާފައިތިބި ބަޔެއް. މުޅި ސްޕްރީމްކޯޓުގެ ހައިބާތާ ކަރާމާތް ނަގާލާ، މުޅި ޝަރުޢީ ނިޒާމް ކިލަބުކޮށްލީ އެމްޑީޕީގެ ސަރުކާރުން..ވެރިކަން ނުލިބިއްޖެނަމަ އަބަދުވެސް، ކޯޓަށް އަތްބާނާގެން ގައުމު ހަލަބޮލިކުރާ ބައިގަނޑެއް.
ކުޅަން
10 March 2025
ކުރިން ވަކިކުރި ކޮރަޕްޓް ފަނޑިޔާރުން ލީމަ ހުންނާނީ ނަޒާހަތްތެރިކަން ގެނެވިފަ
ވޮކީލް
10 March 2025
ޖަސްޓިސް އައްބާސްގެ މަގާމު
ފަޅުމަސް
10 March 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު އޮތީ މަދުކުރަން ފާސްކޮށްފައި.. މިހާރުވެސް ވަކި ކުރަން ޖެހެނީ އެ ފާސްކުރި ޤާނޫނުގެ ދަށުން.. ޤާނޫނުގައި މަދު ކުރަން ބުނެ ފާސްކުރުމުން، އިތުރަށް ފަނޑިޔާރުން ނަގަނީ ކޮން ހަމައަކުން، އުސޫލަކުންތޯ؟
ކކކކ222
10 March 2025
ބިލެއް ގާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރުމުން.
އަފްރާސިޔާބު
10 March 2025
އަދި ގާނޫނު ގާނޫނަކަށް ނުވޭ. ރައީސް ތަސްދީގު ކުރެއްވީމާ ގާނޫނަކަށްވާނީ. ރައްޔިތުންގެ މަޖުލިހުން ފާސް ކުރިޔަސް ރައީސް ނުޖެހޭ ތަސްދީގު ކުރާކަށެއް.
އަޙޫ
10 March 2025
ތަސްދީޤު ނުކޮށް މަޑު ކޮށްލައިގެން ހުރީ ބޭނުންވާ މީހާ ފަނޑިޔާރު ކަމަށް އަންނަން ދެން.
ބޮން
10 March 2025
ބައެއްގެ ލަދު ޙަޔާތް މިހާ ވަރަށް ކުޑަވެގެން ދިޔައީމާ މިއީ ބޮޑުވަރު.
ސޭޓް
10 March 2025
ހަދަންވީ ގޮތަކީ ހުރިހާ ކޯޓްތަށް އުވާލާ އަމުރުތަށް ނެރުން ރައީސް އޮފީހުން ކުރަންވީ . މި އޮތީ ބޭނުންވާ ހައްލު . ވ.ސަލާމް.
ރަދީފްއޮފިޝަލް / ރޯދަ ކުރުކުރުން
10 March 2025
ހަމަ ބުއްދިހުރި ދިވެހިން މިކަމަށް ކުރިމަތިލުން އެއީ ނާދިރު ކަމެއް.ނަމަވެސް މާއްދިއްޔަތަށް ގޮސް ހުސްވެފަ އެބަޔަކު ތިބި ނަމަ ފަހަރެއްގެ އެޕްލައިކުރުން ދުރެއް ނޫން.