25 އެޕްރީލް 2025 - 22:15
ޖުޑީޝަރީގެ މިނިވަންކަމަށް ހުރަސްއެޅުން ހުއްޓާލައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔު)އިން ގޮވާލައިފި އެވެ. ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ވަނީ އެންމެ މަތީ ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ މަހު ސަސްޕެންޑުކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން ތިއްބެވީ ސަސްޕެންޝަނުގަ އެވެ. އެޗްއާރުޑަބްލިޔުގެ އޭޝިޔާ ޑިރެކްޓަރު އެލެއިން ޕިއާސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސުލޫކީ ފިޔަވަޅު އެޅުމަކީ އެ ކޯޓަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
"މިފަދަ ހައްސާސީ ދުސްތޫރީ މައްސަލަތައް މިނިވަންކަމާ އެކު ބެލުމުގެ ފުރުސަތު ނުލިބޭނަމަ، ހައްގުތަކަށް އިހްތިރާމްކުރާ ގައުމަކަށް ވުމަށް ރާއްޖޭން ކުރާ މަސައްކަތަށް ހުރަސްއެޅޭ،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު ޕިއާސަން ވަނީ، ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ސަސްޕެންޑުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން ވަގުތުން އުވައިލުމަށް ގޮވާލައްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އަކާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނެ އެވެ.
އެ ދެ މައްސަލާގައި އެ ބޭފުޅުން ކުރިން ޖޭއެސްސީއަށް ހާޒިރުކޮށް، ބަޔާން ނެގުމަށްފަހު ތަހުގީގު ކޮމެޓީން ވަނީ އެ ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ކޮމެޓީގެ ނިންމުމަކީ ކޮބައިކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.
ތަހުގީގު ކޮމެޓީގެ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާއެކު، ދެން އޮންނާނީ އެ ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަނޑިޔާރުންނަށް ދިނުމެވެ. އަދި އޭގެފަހުގައި ކޮމިޝަނުން އެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޑިޔާރު
26 April 2025
ގޮވަނީ ކާކު؟ މަމިގޮވަނީ ހުރިހާ ފަޑީޔާރުންތަށް ވަކިކޮށް މުޅީތަން އޯވަހޯލް ކުރަން!
ރުންކުރު
25 April 2025
ކުރިން ވެރިކަން ކުރި ސަރުކާރުތަކުން ހެދި ގޯސްތައް ތަކުރާރު ވާން ބޭނުންނުވާތީ ގެނައި ސަރުކާރުންވެސް މި ފެންނަނީ ހަމަ އެއް މަންޒަރުތަކެއް. މި ރާއްޖޭގައި މިއަށްވުރެ ހަރުދަނާ ގޮތަކަށް ވެރިކަން ކުރެވެން އެބަޖެހޭ. މިހާތަނަށް ގެނައި ހުރިހާ ސަރުކާރުތަކުގެ ވެރިންވެސް ކިޔަނީ އެއް ލަވައެއް، ކުރަނީ އެއް ކަމެއް. ހިތާމަ ހުރި ކަމެއް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
25 April 2025
މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު ދައުލަތުގެ ތިން ބާރު މުށުތެރެއަށް ލާން ރައީސް ނިންމި. އެހާ ހިސާބުން މިނިވަން މުއައްސަސާތަކާއި މިޖިލިހާ ވަރަށް އަވަހަށް މުށުތެރެއަށްލުމުގެ މަސައްކަތް ނިންމި. ދެން ހަމަ އެކަނި ބާކީ އޮތީ އަދުލު އިންސާފުގެ ބާރު. އެބާރުވެސް ދެން މުށުތެރެއަށް ލާނެ ކަމާމެދު ޝައްކެއް ނެތް.އެވަރުންވެސް ޑިމޮކްރަސީ އެހެން ޤައުމުތަކަށް ކިޔާދެނީ މި ސަރުކާރުން. އެކަމަކު ރައްޔިތުންނަށް މިހާރު އަސްލު މަންޒަރު ސާފު-އޮޅުވައެއް ނުލެވޭނެ.
ނަނާ241
25 April 2025
ތިޖަމިއްޔާއަކަށް ނުފެނޭތަ ޔަހޫދީ ބައިގަނޑު ހިންގާ ޖަރީމާ. ކަލޭމެންބުނެގެން އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެ. ޔަހޫދީން ނޭދޭނެ މުސްލިމަކަށް ހެވެއްވާކަން.
ހަމަދު ސަލީމް
25 April 2025
މީދެން މިނޫހުގަ ޖަހާކަހަލަ ޚަބަރެއްވެސް ނޫނެއްނު.
އެވެރިން
25 April 2025
ކިހިނެއް ތޯ ވަނީ ފަލަސްތީނާއި އަދި ޔުކްރޭން
މިއަރެން
25 April 2025
ތިޔަ ޖަމިއްޔާއަކީ ވަކި ފަރާތެއް އެކަނި ބަލާ ބައެއް
އެހެނަސް
25 April 2025
ލާރި ދީގެން ވަކިބަޔަކު ބޭނުންވާ ގޮތައް ބަޔާނާ އަމަލު ކުރާ ބައެއްތީ
ޢަލީ ކުރުސީ
25 April 2025
ތިޔަ ޖަމިއްޔާއަކަށް ނުފެނޭދޯ ފަލަސްތީނެއް؟
މައުލޫއަށް ވާހަކަދައްކާ
26 April 2025
މިދައްކަނީ މިރާއްޖޭގެ ވެރިކަމުގެ އެއްބާރު ކަމުގަވާ ސުޕްރީމްކޯޓު ވެރިކަންހިނގާ ފަރާތުން ކޮންޓްރޯލް ކުރަން އުޅޭވާހަކަ. 3 ބާރު އެކަކުގެ މުށުތެރެއަށްލައި ޑިމޮކރަސީ ހަލާކު ކުރަން އުޅޭވާހަކަ އެއް. ކޮންމެ ވާހަކައެއް ފަލަސްތީނޭ ކިޔާފަ އޮޅުވާނުލެވޭނެ. ދިވެހިންނަކީ ގަމާރުންނެއް ނޫން. އެކަން ފެންނާނެ މިހާރު ކުރާ މުޒާހަރާ ތަކުން.
ޏަނާ
25 April 2025
ޑިކްޓޭޓަރ މުއިއްޒު.
މިއޮތީ
25 April 2025
މިއީ މިއަދު ޤަބޫލު ކުރަން ބޭނުން ނޫނަސް ހަޤީޤަތް