މަސީހުގެ ވޯޓާ ގުޅިގެން ރައީސް ޔާމީން މެމްބަރުންނާ މަޝްވަރާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންނާ މިރޭ މަޝްވަރާ ކުރައްވައިފި އެވެ.


ޕީޕީއެމްގެ އޮފީހުގައި މެމްބަރުންނާ އެކު ރައީސް ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް "ފެއިލްކޮށްލާނަން" ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުކުރާނީ، ގައުމާއި ރައްޔިތުންގެ އަދާވާތްތެރިންގެ ކުރިމަތީގައި ފިސާރި ސާބިތުވެ ތިބެގެން ކަމަށެވެ.

މަސީހް މަގާމުން ވަކިކުރަން ނަގާ ވޯޓު މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ ފާސްވާނެ އެވެ. މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް، ވޯޓު ހަމަވެފައިވާ ކަމަށް، އެ ވޯޓުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މި ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށާއި ވޯޓުގެ ތިން ދުވަސްކުރިން މާލޭގައި ތިން ދުވަސް ކުރިން ފެށިގެން ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.