މ. ނާލާފުށި، ވިންދު 1 ދޯނިން ބޭނި މަސްތައް ކަނޑަށް އުކާލަނީ.--
08 ޖުލައި 2025 - 18:15
އިއްޔެ މަހަށް ނުކުމެ ބޭނި މަސްތަކެއް ކިރުވޭނެ ގޮތެއް ނުވެގެން މ. ނާލާފުށިީގެ ދޯންޏަކުން ދެ ޓަނަށް ވުރެ ގިނަ މަސް ރޭ ކަނޑަށް އުކާލައިފި އެވެ.
ވިންދު 1 ދޯނީގެ އޮޑިވެރިޔާ އިބްރާހިމް ހުސެއިން "މިހާރު" އަށް ބުނީ ދެ ޓަނާއި 600 ކިލޯގެ މަސް ކަނޑަށް އަޅާލީ ކިރުވޭނެ އެއްވެސް ގޮތެއް ނެތި ކުނިވެގެން ކަމަށެވެ.
އިބްރާހިމް ބުނީ، އިއްޔެ މަހަށް ނުކުމެ ދެ ޓަނަށް ވުރެ ގިނަ މަސް ބޭނުމަށް ފަހު، އެ އަތޮޅު މުލި ބޭރުގައި އޮތް މިފްކޯގެ ޖަޒީރާ ބޯޓަށް މަސް ކިރުވަން ދިޔައީ ހެނދުނު 10:00 ހާއިރު ކަމަށެވެ. ނަމަވެސް މަސް ކިރުވުން އެ ވަގުތު މެދުކަނޑާލާފައިވާ ކަމަށާއި ދެން އަލުން މަސް ކިރަން ފަށާނީ ހަވީރު ކަމަށް ބުނި ކަމަށް އިބްރާހިމް ކިޔައިދިނެވެ.
އައިސް ހޯދަން ތިން ދުވަހު މަޑުކުރަން ޖެހޭތީ އެ ދޯނިން ނިންމީ އައިސް ނާޅާ މަސް ބާނައިގެން ވަގުތުން ކިރާށެވެ.
"އައިސް އަޅަން ވެސް ކިޔުއެއްގައި ތިން ދުވަހު މަޑުކުރަން ޖެހޭ. އަތޮޅުގަ ހުންނަނީ ދެ ޕްލާންޓު. އޭގެން އެކަތިން އައިސް މި ލިބެނީ. އަނެއް އައިސްޕްލާންޓުން އައިސް ހޯދަން މަސައްކަތް ކުރިން، ނުލިބުނު،" އޭނާ ބުންޏެވެ.
މ. ނާލާފުށި، ވިންދު 1 ދޯނިން ބޭނި މަސްތައް ކަނޑަށް އުކާލަނީ.--
މަސްވެރިކަމުން އާމްދަނީ ހޯދައިގެން އުޅޭތީ އެ ދޯނިން ނިންމީ އައިސް ނުލިބުނަސް މަސް ބާނަން ދާށެވެ. އެހެންވެ، ދެ ޓަނުގެ މަސް ބާނައިގެން ކިރުވަން ކިޔުގައި ޖެހުނީ އެވެ.
"އަޅުގަނޑުމެން މަސް ކިރަން އައިއިރު އޮތީ އެންމެ ދޯންޏެއް މަސް ކިރުވަން. އަޅުގަނޑުމެން ބުނިން އައިސް ނާޅާ ހުރި މަސް ކަމަށް ހުރީ، އަވަހަށް އެ ނުބައި ވާނެ ކަމަށް. ބުނީ ދެން މަސް ކިރޭނީ ހަވީރުއޭ،" އޭނާ ބުންޏެވެ.
"މަސް ކިރުވާ ކިޔުގައި އޮންނަ ގޮތަކީ ކިޔު ނަމްބަރެއް ނުދޭ. ފަހުން ބާނައިގެން އަންނަ މީހުން ޖެހޭނީ ދޯނިތަކުގެ އެންމެ ފަހަތަށް އަހަރަން. ކިޔުއިން ބޭރަށް ނިކުމެގެން ގޮސް އައިސް ޖެހޭނީ އެންމެ ފަހަތަށް އަރަން."
އެހެންވެ، ހަވީރު ހަތަރެއް ޖެހުމުން ހެނދުނުއްސުރެ ކިޔުގައި އޮތް ވިންދު ދޯނިން މަސް ނުކިރާ ފަހުން އައި ދޯނިތަކުން މަސް ކިރުވަން ފެށި ކަމަށް އިބްރާހިމް ބުންޏެވެ.
"ހަތަރު ދޯނިން ކިރި ފަހުން އަޅުގަނޑުމެންނަށް ޖެހުނީ. އެއް ދޯނިން ހަ ޓަނު މަސް، އަނެއް ދޯނިން ހަތަރު ޓަނު ކިރި. އަޅުގަނޑުމެންނާ ޖެހުނީމަ ބުނީ ބޯޓު އެއްކޮށް ފުލް ވެއްޖެއޭ، ދެން ނުކިރޭނެއޭ. އާދޭސް ކުރިން ކިރައިދޭތޯ. ބުނިން އަޅުގަނޑުމެން ކުރިން އައިސް ތިއްބާ ފަހުން އައި މީހުންގެ މަސް ކިރީ ކޮން އުސޫލަކުންތޯ،" އިބްރާހިމް ބުންޏެވެ.
އޭނާ ބުނިގޮތުގައި، ރޭ އަށެއް ޖަހަންދެން މަސް ކިރުވޭނެތޯ ސުވާލު ކުރުމުން ވެސް އިތުރަށް ނުކިރުވޭނެ ކަމަށް ބުނެފައި ވެ އެވެ. އެހެންވެ މަސްތައް ކުނިވާން ފަށާފައި ހުރުމުން މަސް ކިރުވާ ބޯޓާ ކައިރިއަށް ކަނޑަށް އުކާލީ އެވެ.
މަސް ކައްކާ ބަޔަކަށް ނުދިނީ ކީއްވެތޯ ސުވާލު ކުރުމުން އިބްރާހިމް ބުނީ ގިނައިރު ވެފައި ހުރުމުންނާއި އެފަދަ މަސައްކަތެއް ކުރާ ބަޔަކު ރަށުގައި ނޫޅޭ ކަމަށެވެ. އަދި މިއީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމުން މަސް ގަންނާނެ ބަޔަކު ވެސް ނޫޅެ ކަމަށް އޭނާ ބުންޏެވެ.
"ބޯޓަށް މަސް ކިރަނީ 14ރ. ގެ ރޭޓުން. ކަނޑަށް އަޅާލަން ޖެހުނު މަހުގެ އަގަށް ބަލާ ނަމަ އެއީ 38،000ރ. ވަރަށް ބޮޑު ގެއްލުމެއް މިއީ،" އިބްރާހިމް ބުންޏެވެ.
މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ނަމަވެސް މަސް ނުކިރި ކަނޑަށް އުކާލަން ޖެހުމުން އެ ދޯނި މިއަދު މަހަށް ވެސް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާފީތުމާރީ
10 July 2025
ބޯޓުގެ ކައްޕިޔަކީ މުޑިކާއްޓެއްތަ އަޅެ. ފަޅުވެރިންނަކީ އުނބުތަކަކީތަ މީދާ ކައިފަ ހުރި، މަސްކޮޅު ކުނިވަންދެން ތިބެފައި އުކާލުމުގައި ބައިވެރިވާން؟ ތިޔަ ކުރި ފާފައިގެ އަޒާބު ލިބޭނެ އަދި. އަދި ކުރި ނުބައިކަން ވަންހަނާވެފައި އޮއްވާ އެވާހަކަ ދައްކައި ކުރި ކުށް ވީޑިއޯކޮށް އާންމުކުރީތީ ފާފައިގެ މިންވަރު އިތުރަށް ބޮޑުވެސް ވާނެއްނު. ނާލާފުށީ ވިންދޯ. ވިޔާނުދާކަން!
ގަންނަ
09 July 2025
މަމެން ގަތީމުސް ތިޔަ ގެނައިނަމަ. ކަނޑު ގޯސްކުރަން ހިނގާ އަމަލެއްތީ
ނެތީއޭބުނީމަ
09 July 2025
ތިޔަ ހިސާބު ރަށްތަކުގަ ތިޔަ މަސްތައް ގަންނާނެ ބަޔަކު ހަމަ ނެތީތަ؟ މަސްކޮޅެއް ބޭނުންވެފަ ތިބި ހަމަ އެއްވެސް ބަޔަކު ނެތީތަ؟ ގަބޫލުކުރަން ދަތި ވާހަކައެއް. ތިހެން މަސްނުކިރުވޭ ދުވަސް ދުވަހަށް ރަށުގަ ބެކަޕް ޕްލޭން ހަދާފަ ބަހައްޓާނަމަ މަސްކައްކާ ހަދަން ނޫނީ ފްރީޒަރތަކަށް ލެވޭނެ ގޮތެއް ހަދަން. މާތްﷲ ދެއްވާ ރޯދި ތިހެން ބަރަކާތް ނުލިބޭ ގޮތަށް އުކާލަނީ ތިއީ ފަހުން ދުވަހަކުން ނުލިބިދާނެ އެއްޗެއްކަން މިވަގުތު ނުވިސްނާތީ
ޒަކާތް ހައުސް
09 July 2025
ބަހާލިނަމަ ރަގަޅު ދެން ކަނޑަށް ނާޅާ
ހޫލަ
10 July 2025
ކޮބާ ސަރުކާރުގެ ޒިންމާ، އަގު ދަށްކޮށްގެން ވެސް މަސްވެރިން، ބުރަމަސައްކަތުން، އެތައް ޚަރަދެއް ކޮށްގެން ބާނާ މަސްކޮޅު ނުކިރެންޏާ، މަސްވެރިން އިތުރަށް ނިކަމެތި ވާނީ.
ބައިކެނޑި
09 July 2025
ތިވާނީ ހަމަ ޖެއްސުމަށް ކުރި ކަމަކަށް. ތިމީހުންގެ މެންޓަލިޓީ ހުންނާނީ ތިހެން. ﷲ ދެއްވި ރިޒްގަށް ހަރާންކޯރުވަނީ.
ރަންރީދޫ
09 July 2025
މިކަމުގެ ޒިންމާނަގަންޖެހޭނީ އަންނީމެން އެމީހުން ދަަސްކޮއްދިންގޮތް އެއީ ކޯޓްތެރެއަށް މަސްއަޅަން ހަނދާންހުރީކިތައްމީހުން؟؟ މަސްނުކިރިމަަސްތައް ކޯޓްތެރެއަށް ދިއްދޫމީހުން އެޅިހަނދާން، އަންނިމެން އަތްޖަހާފަ ތިބީ އެކަންކުރުވަން މިއަދު އެހަޑިއަމަލުކުރުވިމީހުން ޒިންމާވާންޖެހޭނީ
ގޮއްރީނދޫ
09 July 2025
ކޯޓް ތެރެއަކަށްނޫންއެޅީ. އަތޮޅުއޮފީހަށް.
ޖަޒީރާ
09 July 2025
ވަރަށް ދެރަކަމަކެއް. ﷲ ތަޢާލާ ދެއްވާ ރިޒްޤް. ގަންނާނެބަޔަކު ނުވެދާނެ. އެކަމަކު ހިލޭ ނަގާނެބަޔަކުވެސް ހަމަނުވީބާއޭ ހިތަށް އަރާ. ވަރަށްދެރަވޭ މިކަހަލަ ކަންތައް ހިނގާތީ. މިޤައުމުގައި އެއްވެސް ކަމެއްގައި ހަމައެއް ލަމައެއްނޯންނަނީ. ފަތިހު ބާނާ މަސްކޮޅު އައިސް ނާޅާނަމަ ހަވީރުވާންވާއިރަށް ކުނިވާންފަށާނެކަން އެބުނާ ބޯޓުގައި ތިބިބަޔަކަށްވެސް އެނގެންވާނެ. އެމީހުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމަށްދެކެން.
އިބޫ ނޫން
09 July 2025
ކޮންމެ ދޯންޏަކުން ވެސް ރަށުމީހުނަށް ވިއްކަން 1ޓަނު މަސް ބަހައްޓާފަ މަސްގަތުމަށް ސަރުކާރަށް ގޮވާލަން ، ނުވަތަ މިފްކޯރޭޓުން ރައްޔިތުން ނަށް މަސްލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ގޮވާލަން. މިފްކޯއިން -/14 ައށް ގަނެގެން -/20 އަށް ރައްޔިތުން ނަށް ވިއްކިއަސް އޯކޭ.
ދޮންބޭބެ 2
09 July 2025
ތިޔަ ދޯނީގެ ހުރިހާ މީހުންނަކީވެސް އިބޫ ނޫންގޮތެއް ހޯދަން ދިޔަމީހުން. ހުންނާނީ ރާކަނިމަސް ކެވިފަ. މުލަކުގައި އަޅައަޅާ ހުރި އައިސް ވިއްކާތަނަކާއި މަސް ފިނިކުރާތަނުގެ މަސައްކަތުގެ ތެރެއިން ބޮޑެތި ބޯޓުތަކަށް ފަސޭހަކަމާއެކު ގާތްކޮށްލެވޭގޮތަށް ބަނދަރު ހަދާ ނިންމި އިބޫގެ ދައުރުގައި. އޭގެފަހުން ހަރާން ވީކަމެއް. އަދި ވެސް އިބޫ ނޫންގޮތެއް ހޯދަން ދޭ. މަސްކިލޯއަކަށް ބޯޓުން ދެނީ 16ރ. ރަށްރަށަށް ގަންނަނީ ހިތަށް އެރި އަގަކު.7ރ އަށްވެސްވިއްކަނީމަދެއްކޮށެއްނޫން.
އަޅި އަލީ
09 July 2025
ކައިރި ރަށެއްގެ ބަދަރައް ކާރިކޮއްލާ ބަހާލިނަމަ ނޫނީ ހެޔޮއަގެއްގަ ވިއއކާލި ނަމަޗެސް ކިހާރަގަޅު! ޙުސް ސްޓަންޓް