ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެ، އިތު ބަޔަކު ޕޮޒިޓިވް ވެއްޖެ

ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ސްވައިން ފްލޫގައި އިތުރު މީހަކު މަރުވެ، އިތުރު ބަޔަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ދާދިދެންމެއަކު އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފަ އެވެ. ހަތަރު މީހަކު މަރުވި އިރު، 501 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓްކޮށްފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސްވައިން ފްލޫގެ ފަރުވާ ހޯދައިގެން ޑިސްޗާޖްކޮށްފައި ވަނީ 12 މީހުންނެވެ.

މި ހިސާބުތައް ދައްކާ ގޮތުން ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު ދަނީ ކޮންޓްރޯލް ނުވެ އިތުރު ވަމުންނެވެ. މި ރިޕޯޓްގެ ކުރިން އެންމެ ފަހުން ބުދަ ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސްވައިން ފްލޫ ޖެހިގެން އެޑިމިޓްކޮށްގެން ފަރުވާ ދެމުން އައީ 23 މީހެކެވެ. އޭގެ މާނައަކީ، ދެ ދުވަހުގެ ތެރޭގައި އިތުރު އަށް މީހަކު އެޑްމިޓް ކުރި ކަމެވެ. އަދި ސްވައިން ފްލޫ އަށް ދެ ދުވަހުގެ ތެރޭގައި 9 މީހަކު ޕޮޒިޓިވް ވި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭއިން ނެރުނު ރިޕޯޓް

ސްވައިން ފްލޫ އާއި ރޯގާ ކޮންޓްރޯލްވި ކަމުގެ ޔަގީންކަން ނުލިބި އޮއްވާ، މާދަމާ ސްކޫލުތައް އަލުން ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ބައެއް ބެލެނިވެރިން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ވެސް އެބަ ގެންދެ އެވެ. އަދި "ތިމަންނާގެ ދަރިން ސްކޫލަކަށް ނުފޮނުވާނަމޭ" ބުނެ، މީޑިއާތަކުގައި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.