ނުރައްކާތެރި މުސީބާތެއް ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށާއި އެކަމުން ސަލާމަތްވާން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ބޯމަތިވެފައި ވަނިކޮށް، އިމްރާން ދެއްވި މެސެޖެއްގައި ވަނީ ބައިބައިވުމާއި ނުތަނަވަސްކަމާއި ސިޔާސީ ވާދަވެރިކަން އެއްކިބާކޮށް، ތަފާތު ފިކުރުގެ ސިޔާސީ ޕާޓީތައް އެއްބައިވެ، މަސައްކަތް ކުރަން ޖެހޭ ހާލަތަށް އައިސްފައިވާ ކަން ފާހަގަ ކުރައްވައިފަ އެވެ.
އިމްރާން އެ އިޝާރާތް ކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުންނެވެ.
"ދިވެހި ރައްޔިތުން ގަބޫލުކުރަންވީ ހަގީގަތަކީ ކޮންމެހެން ސަލާމަތްވާން ޖެހޭ ނުރައްކާތެރި މުސީބާތެއް ގައުމެއް ކުރިމަތިވެފައިވާކަން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި މާތް ﷲ ގެ ވާގިފުޅާއެކު އުއްމީދުގެ އަލިކަމުން ރައްޔިތުން މަހްރޫމް ކުރެވޭނެ ބާރެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަން އަންނަނީ ހާމަވަމުންނެވެ. އަދި މާ ލަސްތަކެއް ނުވެ، އުފާވެރި ދުވަސްތައް ރައްޔިތުންނާ ބައްދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އިމްރާންގެ މައްޗަށް އިއްވި ހުކުމްގެ އިސްތިއުނާފު ޝަރީއަތް ހައި ކޯޓުން މިދިޔަ އަންގާރަދުވަހު ވަނީ ނިންމާލައިފަ އެވެ.
އިމްރާން ޖަލަށް ލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި މަރާމާތެއް ކުރަމުންދާ ކަމަށް ބުނެ އެވެ.