މަހްލޫފަށް ނުހައްގުން ދޭ އަނިޔާތައް ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ނުހައްގުން ދެމުން އަންނަ އަދަބާއި އަނިޔާތައް ހުއްޓާލައި، އޭނާ މިނިވަންކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.


އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މަހްލޫފް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވީ އޭނާއަށް ލިބިވަޑައިގަންނަވަން ޖެހޭ އެތައް ހައްގުތަކެއް ނުދީ ހިފަހައްޓާފައިވާތީ ކަމަށެވެ.

އެކަމަކު މަހްލޫފް ޖަލުގައި ކުރައްވަމުން ގެންދިޔަ ހަޅުތާލު މިހާރު ހުއްޓާލައްވާފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.

މަހްލޫފަށް ނުހައްގުން އަދަބު ދެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވަމުން ގެންދެވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުންޏެވެ.

"އިންސާފުން އެއްކިބާވެފައިވާ ޝަރީއަތަކުން މަހްލޫފް ޖަލަށްލުމަށް ފަހު އޭނާ އާއި މެދުގައި ނާއިންސާފުގެ މައްޗަށް ނާއިންސާފުވަމުންދާ ކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ މަހްލޫފްގެ މައްޗަށް އިއްވި ދެ ހުކުމުގެ ތެރެއިން އެއް ހުކުމް ތަންފީޒުކޮށް ނިމުނުއިރު ވެސް، ހައި ކޯޓަށް އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައެއް ބަލާފައިނުވާ ކަން ފާހަގަކޮށްފަ އެވެ. އަދި އެ ހުކުމް ތަންފީޒުކޮށް ނިމުނަސް، ޕޭރޯލްގެ މައްސަލަ ބަލައި ޕޭރޯލްގެ ހައްގު ދީފައިނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މީގެ އިތުރުން މަހްލޫފް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާއި، ވަކީލުންނާ ބައްދަލުކުރުމުގެ ހައްގު ނުދީ އެތައް މަހެއް ވެފައިވާ ކަމަށާއި ޖަލުގެ ކެއުން ހުންނަ ގޮތުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ.

މަހްލޫފް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރެއްވި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ކަރެކްޝަނުން ވަނީ ދޮގުކޮށްފަ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހެން ގައިދީންނެކޭ އެއްގޮތަށް މަހްލޫފަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ވެސް ދެ އެވެ.

މާފުށީ ޖަލުގައި ހުންނެވި މަހްލޫފަށް މިއަދު ވަނީ 37 އަހަރު ފުރިފަ އެވެ.