ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ވަކިކުރުމާ ގުޅޭ ކުއްލި ބައްދަލުވުމެއް!

ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކިކުރުމާ ގުޅޭ ކުއްލި ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދެ އެވެ.


އެނގިފައިވާ ގޮތުގައި ޕާޓީގެ ރައީސް ކަމުން މައުމޫން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން، އެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

ދަރުބާރުގޭގައި ކުރިއަށް ދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އެވެ.

ޕީޕީއެމްގެ ކައުންސިލަކީ އެ ޕާޓީއާ ގުޅޭ ނިންމުންތައް ނިންމާ އެންމެ މުހިއްމު ގުނަވަނެވެ. ކައުންސިލްގެ ބައްދަލުވުމެއް މި ބާއްވަނީ މާދަމާ އަށް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން ފަޅީގައި ތިއްބެވި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެ ޕާޓީގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ހައިސިއްޔަތެއް މިހާރު މައުމޫނަށް ނެތް ކަމަށެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތް ކުރައްވަން ނިންމެވުމަކީ "ފަނާކުރަނިވި" ފިކުރަށް އެއްބާރުލުން ދެއްވުން ކަމަށް ވިދާޅުވެ އެމަނކުފާނު ޕާޓީގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ އިންޒާރު ވެސް ބައެއް މެމްބަރުން ވަނީ ދެއްވައިފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ޕާޓީގެ ރައީސް ވަކިކުރެވޭނެ ގޮތްތައް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.

މައުމޫން ފެކްޝަނުން ދެކޭގޮތުގައި ޕީޕީއެމްގެ ކައުންސިލް ބާއްވައި ރައީސްގެ މަގާމުން މައުމޫން ވަތްކެއް ނުކުރެވޭނެ އެވެ. އެމަނިކުފާނު ޕާޓީގެ ރައީސް ކަމަށް ވަޑައިގަތީ ގައުމީ މަޖިލީހުގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުން ކަމަށް ވެސް މައުމޫން ފެކްޝަނުން ވަނީ ބުނެފަ އެވެ.

އެހެންވެ އެ މަނިކުފާނު ވަކިކުރުމުގެ ބާރު އޮތީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށް ވެސް މައުމޫން ފެކްޝަނުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕާޓީ ހިންގުމުގެ އެންމެ އިސްވެރިއަކީ އެ ޕާޓީގެ ރައީސެވެ. ނަމަވެސް ސިވިލް ކޯޓުގެ އަމުރަކާ އެކު ކައުންސިލް ބާއްވައި، މައުމޫން އަދާކުރައްވަމުން ގެންދެވި ހުރިހާ ބާރުތަކެއް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.