ޕީޕީއެމް/އެމްޑީއޭގެ އިއްޔެ ނިއުސް ބްރީފިންގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް. މަހްލޫފް ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
26 މާޗް 2017 - 20:49
ރައީސް އަބްދުﷲ ޔާމީން "މޮޑެން ގެންގުޅުއްވާ ފުށްގަނޑަކަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެއްދެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަމަށް، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މަހްލޫފްގެ އޯޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް "ހަލުވަން ގެންގުޅޭ ބޮލި ރަވައެއްގެ ފުއްތަކަކަށް" މެންބަރުން ހެއްދެވުމުގެ ޖާގަ ދެއްވީ މަސީހު ކަމަށެވެ. އަދި ރައީސްގެ ދެކަނބަލުން ވަށައިގެން "އެނބުރެން މަޖުބޫރުވެފައިވާ މެހިމާބުރުތަކަކަށް" މެންބަރުން ހެއްދެވީ މަސީހު ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރެވުނަސް، ނުކުރެވުނަސް، މާދަމާ ރައްޔިތުންނަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ވޯޓުގެ އަދަދުން ލިބޭނެ އެވެ. އަދި އޭނާ ވަނީ މަޖިލީހުގެ ރައީސް މަސީހު ގަވާއިދުތަކުގެ ބޭރުން ބައެއް ކަންކަން ކުރައްވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އެ ގޮތުން ފާއިތުވެދިޔަ ހާހެއްހާ ދުވަހުގެ ތެރޭގައި ބޭއްވި 200 ޖަލްސާގެ ތެރެއިން ބައެއް ޖަލްސާތަކުގައި ރައްޔިތުންގެ އަތުން ޓެކްސް ނަގަން، ތިން މަރުހަލާ އެއްކޮށްލައިގެން ވޯޓަށް އަހަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ފަރިތަ މަޖިލީހެއް ކަމަށާއި ޕީޕީއެމުން އޭނާ ވަކި ކުރުމަށް ފަހު ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"ފުލުހުންގެ ބަންދުގައި ހުރި އިރު، މަޖިލީހަށް ހާޒިރު ކުރި ނަމަވެސް، މާފުށީ ޖަލަށް ލި ފަހުން އެއްވެސް ޖަލްސާއަކަށް ހާޒިރުނުކޮށްދޭ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވަނީ މާދަމާގެ ޖަލްސާ އަށް ހާޒިރުކޮށް ދިނުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލައްވައިފަ އެވެ. އަދި މަސީހާ ދެކޮޅަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވުމަށް އޭނާ ގޮވައިލެއްވި އެވެ.
"ދަައްކާ ބިރަކަށް ބެލުމެއް ނެތި މަޖިލިސް މެމްބަރުންގެ އިނގިލީގެ ކޮޅަށް ރައްޔިތުން ދީފައި އޮތް ބާރުގެ ބޭނުން ކުރައްވައި މަސީހު މަގާމުން ދުކުރުމަށް ވޯޓު ދެއްވާ،" މަހްލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން މަހްލޫފް ވަނީ ރާއްޖެ ސަލާމަތްކޮށް، ގެއްލިފައި އޮތް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިދިކޮޅު ފަރާތްތަކުން ގުޅިގެން ގާއިމު ކުރި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. މަހްލޫފް ވިދާޅުވި ގޮތުގައި އެއީ ގައުމެއްގެ ނިސްބަތުން މުހިންމު، ކުރިއެރުމާއި ހަމަޖެހުމަށް އެޅި ފިޔަވަޅެކެވެ.
މަހްލޫފް ވިދާޅުވީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.
ވެރިކަންކުރާ ޕީޕީއެމްގައި ހުންނަވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު މުޒާހަރާތަކުގައި އުޅުއްވަނިކޮށް ފުލުހުންނަށް ހުރަސްއެޅި ކަމުގެ ދެ މައްސަލައެއްގައި މަހްލޫފަށް ކުރި އެއް ހުކުމުގެ މުއްދަތު މިދިޔަ ޖެނުއަރީ 17 ގައި ވަނީ ހަމަވެފަ އެވެ. އަނެއް ހުކުމުގެ މުއްދަތު ޖޫން މަހުގެ ކުރީކޮޅު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް
27 March 2017
ވަކި ކުރެވުނަސް، ނުކުރެވުނަސްއޭ ކޮބާ ދިން ޔަގީން ކަން. ނާކާމިޔާބު ގަބޫލް ނުކުރެވޭނެ.
ފުށްގަނޑު
26 March 2017
މެމްބަރުންނަކީ ފައިސާ ބޯކޮށްދޭ މީހުންގެ ފުށްގަނޑުތޯ. މަހުލޫފު ހަނދުމަފުޅު ނެތުނީތޯ ތީ ރައްޔިތުންގެ ފުށްގަނޑެއް ކަމެއް؟