ނޭކުރެންދޫ ކުރީގެ ބަނދަރު
30 މާޗް 2017 - 15:05
ހދ. ނޭކުރެންދޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މައުއޫޒު ވިދާޅުވީ ރޭ ގާތްގަނޑަކަށް 8:30 އާއި 9:00 އާ ދެމެދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އެ ރަށު ސޯމާގޭ، އާދަމް ޝިފާއު، 24، އަށެވެ. މި އެކްސިޑެންޓް ހިނގީ އޭނާ އެކަނި ސައިކަލް ދުއްވާފައި ދަނިކޮށް ފުޓްބޯޅަ ދަނޑު ކައިރިން މަގުމަތީގައި ހެދިފައި އިން ވަޅުކޮޅަކަށް ސައިކަލް ޖެހުމުން ކަމަށް، ފުލުހުންނާ ހަވާލާދީ އޭނާގެ އާއިލާ އިން ބުންޏެވެ.
މި އެކްސިޑެންޓް ހިނގީ ފުޓްބޯޅަ ދަނޑު ކައިރިން ރަށު ތެރެއަށް ވަދެގެން އަންނަނިކޮށް ވަޅުކޮޅުން ނެއްޓެން ވެގެން ސައިކަލުގެ ބުރެކި ޖެއްސުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. އެ ވަގުތު އޭނާ އެއްވެސް އެއްޗެއްގައި ޖެހިފައި ނުވާ ކަމަށް ވެސް އެ އާއިލާ އިން ވާހަަކަ ދެއްކި މީހަކު ބުންޏެވެ.
ބުރެކި ޖެއްސުމުން ސައިކަލާ އެކު 150 ފޫޓު ދުރަށް އޭނާ ވިއްސައިގެން ގޮސްފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އިތުރު ފަރުވާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ރޭ ޝިފާއު ގެންދިޔަ އިރު ހޭ ނާރާ ކަމަށާއި، ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ފާތިމަތު ހަސަން ވިދާޅުވި އެވެ. އެކަމަކު އޭނާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓާގެ އެހީގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޑޮކްޓަރުނާ ހަވާލާދީ ހޮސްޕިޓަލުން ބުނީ ޝިފާއުގެ ބޮލުގެ އެކްސްރޭ ނެގުމުން، ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށާއި ބޮލުގެ ސީޓީ ސްކޭނެއް ހެދުމަށް ޝިފާއު މާލެ ފޮނުވަން ވަނީ ނިންމައިފަ އެވެ.
އޭނާގެ ހާލު ހަމަޔަކަށް އެޅުނުހާ އަވަހަކަށް އޭނާ މާލެ ފޮނުވާނެ ކަމަށް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރޭ
30 March 2017
އަވަސް ސިފާއަކަށް އެދެން
ރަދީފް
30 March 2017
ވަރަށް ހިތާމަވެރި ހަބަރެއް.އަވަސް ޝިފާޢަކަށް އެދެން.ބޯޅަދަނޑު ކައިރިން މަގުމަތީގައި ހެދިފައި އިން ވަޅުކޮޅަކަށް ސައިކަލް ޖެހުމުން 150 ފޫޓަށް ވިއްސައިގެން ދާނީ ވަރަށް ބާރަށް ދުއްވީމަކަމަށް ލަފާކުރެވެނީ. މަޑުން ދުއްވާފަ ގޮސް ނޭނގި ކުރީބުރަކި ޖައްސާލެވުނަސް 150 ފޫޓް އެއީ ވަަރަށް ދިގު ރާސްތާއެއް. ވަޅުކޮޅު މަގުމަތީގަ ހެދުމުން އެތަނަށް ފަސްކޮޅެއްވެސް އަޅާލާނެ ބަޔަކުނެތީތަ؟؟ މަސައްކަތެއްކުރަން ކޮނެފަ އިން ތަނެއް ނަމަ ފާހަގަކުރެވޭގޮތަށް ޓޭޕް ދަމާފަ ނުވަތަ އެކަހަލަ ކޮންމެވެސް ގޮތަކަށް ބައްދާލާފަ ހުރިނަމަ ރައްކާތެރިކަން ބޮޑުވާނެކަން ކަށަވަރު. ވ.ވެދުން
ކަހީނު
30 March 2017
150 ފޫޓަށް އުދުހިފަ ދާނީ ވަރަށް ބާރަށް ގޮސްގެން!