މަޝްވަރާ އޮތީ ހުޅުވިފައި، ވާހަކަ ދައްކަން ޖެހިލުމެއް ނުވޭ: ޝައިނީ

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެ ވާހަކަތައް ދައްކަން ޖެހިލުން ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ބްރީފިންގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން ކަމެއް ގޯސްކޮށް ކުރާ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އެކަން އެ ނޫން ގޮތަކަށް ދާ ނަމަ، ސަރުކާރާ އެކު މަޝްވަރާ ކުރަން އައުމަށް މަރުހަބާ ކިޔާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވަރަށް ބޭނުންފުޅުވޭ އެމަނިކުފާނު ހުޅުވާލައްވާފައި އޮތް ފުރުސަތުގެ ތެރެއިން، އެދިވަޑައިގަންނަވާ ކަމަށް ވަނީ ނަމަ، ޕާޓީ ޓޯކްސްގެ ތެރެއިން އައިސް ވާހަކަ ދައްކައި ކޮންމެވެސް ވަރަކަށް ހައްލުތަކެއް ހޯދަން. ޕާޓީ ޓޯކްސް މިހާރު ވެސް ވާނީ ހުޅުވިފައި. އަޅުގަނޑުމެން ވާނީ ދައުވަތު ފޮނުވާފައި. އެ ފުރުސަތުގެ ބޭނުން ކުރައްވާށޭ، ޑިމޮކްރެސީ އޭ ވިދާޅުވެފައި ޑިމޮކްރެސީގެ ރީތި އުސޫލު ގަބޫލުކުރާ ކަމަށް ވަންޏާ،" ޝައިނީ ވިދާޅުވި އެވެ.

"ސަރުކާރުން ހަމަ ގައިމު ވެސް އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކާކަށް ޖެހިލުމެއް ނުވޭ. ސަރުކާރަށް ޔަގީން ސަރުކާރުން މިކުރާ ކަންތައް މިކުރަނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން. އެއަށް އެެއްވެސް ކަހަލަ ތައާރަޒެއް ކުރެވޭ ކަހަލަ ކަމެއް އަންނަ ކަމަަށް ވަންޏާ ނުވަތަ ހިޔާލު ތަފާތުވުން ބޮޑު ކަމެއް އަންނަ ކަމަށް ވަންޏާ ޕާޓީ ޓޯކްސްގެ ތެރޭގައި އެކަން ކުރެވޭނެ އިންތިޒާމް މިއޮތީ ހަމަމަޖެހިފައި."

ޕާޓީތަކަށް މަޝްވަރާއާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީގެ މަޝްވަރާގެ ބޭރުން ކަންކަން ކުރިއަށް ގެންދަން އުޅުމުން އިގުތިސޯދީ ދުޅަހެޔޮކަން ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަސަރު ކުރާނެ އެވެ. އަދި އިޖުތިމާއީ ކަންކަމަށް ވެސް އޭގެ ގެއްލުން ކުރިމަތިވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްވެ ސަރުކާރު ތަމްސީލް ކުރައްވާ ޝައިނީ ވިދާޅުވީ މިހާތަަނަށް އިދިކޮޅު ފަރާތްތަކުން ޑިމާންޑް ކުރަނީ އެކިއެކި ސަބަބުތަކާ ހުރެ ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ކަމެއް މަޝްވަރާގެ މޭޒަށް އިދިކޮޅު ފަރާތްތަކުން ނުގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މަންދޫބުންނާ ދޭތެރޭގައި ހިޔާލުތަފާތުވުމެއް ނެތް

ޕާޓީތަކުން ކުރިން ހުށަހަޅާފައިވާ ނަންތަކާ އެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރު ތައްޔާރުތޯ ދެންނެވުމުން ޝައިނީ ވިދާޅުވީ ޕާޓީތަކުން ހުށަހެޅި މަންދޫބުންނާ ދޭތެރޭގައި ސަރުކާރުގެ އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

ޓެރަރިޒަމްގެ ހުކުމްކޮށްފައިވާ ބޭފުޅުންނާ އެކު މަޝްވަރާ ކުރިއަށް ނުގެންދާނެ ކަމަށް 2014 ގައި ނިންމުމަށް ފަހު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫއެންއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެން އޮންނާނީ އެކަން ވެސް ދޫކޮށްލާފައި. އަޅުގަނޑުމެން ދެންނެވިން ރައީސް ނަޝީދާ އެކު ވާހަކަ ދައްކަން ބޭނުންވަންޏާ ޖަލަށް ގޮސްގެން ވެސް އަޅުގަނޑުމެން ވާހަކަ ދައްކަފާނަމޭ. އެކަމަކު އެމަނިކުފާނު ހުންނަވަން ޖެހޭނީ ޖަލުގައޭ،" ޝައިނީ ވިދާޅުވި އެވެ.

އެންމެ ފަހުން އަންގާފައި ވާނީ، ޝައިނީ ވިދާޅުވި ގޮތުގައި، ޕާޓީތަކުގެ އެންމެ އިސް ގުނަވަނަކުން ނިންމާފައި ހުރި ނަންތަކެއް ފޮނުވައިދިނުމަށެވެ.

"ކަރުދާސްކޮޅެއްގައި، ތިމަންނަ މިއީ ޕީޕީއެމްގެ ރައީސްއޭ ކިޔައި އެއްޗެއްގެ ސޮއި ކުރައްވާފައި އޮތަސް އެ ބޭފުޅުންނަކީ ހައިސިއްޔަތު ނެތް ބޭފުޅުންނަށް ވެދާނެ، ސަރުކާރަކީ ކޮންމެވެސް ސިސްޓަމެއްގެ ތެރެއިން ހިނގާނެ ސަރުކާރެއް. އެހެންވެއްޖިއްޔާ ސަރުކާރަށް ޔަގީންކަން އޮންނަން ވާނެ އެ ވަޑައިގަންނަވާ ބޭފުޅުންނަކީ އެއީ އެ ޕާޓީއެއް ތަމްސީލްކުރަން ވަޑައިގަންނަވާ ބޭފުޅުން ކަން. އެކަން އެކަނި ޔަގީންކުރަން މި އުޅެނީ،" ޝައިނީ ވިދާޅުވި އެވެ

އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން "އެ މީހުން ފަހައި ދުވެ" ބުނާ ކަންކަން މަޝްވަރާގެ މޭޒަށް ގެންނަ ވަރުގެ ކަމެއް ނެތް ކަމަށެވެ. އެއަށް ވުރެ މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑު ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޝްވަރާގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އަބަދުވެސް ހުޅުވާފައި ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޒުހެއިރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް އދ. ގެ ވޯކިން ގްރޫޕުން ނިންމާފައިވާ މައްސަލާގައި ސުވާލު ދެންނެވުމުން ޝައިނީ ވިދާޅުވީ އެއީ އދ. ގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އދ. ގެ ނިންމުމަށް ސަރުކާރުން ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި މަޝްވަރާތައް ރާއްޖެ އިން ބޭރުގައި ބާއްވަން އެއްވެސް ފަރާތަކުން މިހާތަނަށް ހުށަހަޅައިފައެއް ނެތެވެ.

އޯލް ޕާޓީ ޓޯކްސްގައި ސަރުކާރު ތަމްސީލް ކުރާ ކޮމެޓީގެ މެމްބަރު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމަކުން، ނުވަތަ ޖަރީމާއަކުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ފަރާތްތަކުން ދޭ ލަފަ އަށް ސަރުކާރުން ވިސްނާނެ ކަމަށާއި އެކަމަކު އެއަށް ގޮތެއް ނިންމާނީ ދިވެހިން ކަމަށެވެ. އަދި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.