ވެރިކަމަށް ގެނެސްދިން މީހުން ތިބީ ދެކޮޅަށް، ސަރުކާރުގެ ސައްހަކަމެއް ނެތް: ގާސިމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށާއި އެ މަނިކުފާނު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި ރައީސް ޔާމީނަށް ލިބިވަޑައިގަތް ގިނަ ވޯޓަކީ މައުމޫނާއި މައުމޫނަށް ތާއީދުކުރާ ބޭފުޅުން ކުރެއްވި މަސައްކަތުން ލިބުނު ވޯޓު ކަމަށެވެ. ދެ ވަނަ އަށް އެންމެ ބޮޑު އެހީއެއް ދިނީ އޭނާ ކަމަށާއި ވެރިކަމަށް ގެންނަން އެހީތެރިވި ދެ ފަރާތުން ވެސް ތާއީދު އަނބުރާ ގެންދިއުމުން މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަދެގެން 51 ޕަސެންޓް ލިބިގެން ކިރިޔާ ހަފޮޅުން އެތެރެ އަށް ވަދެވުނީ. މިއަދު ކޮބައިތޯ އެ މީހުން. ރައީސް މައުމޫން ވިދާޅުވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. އަޅުގަނޑު މި ދަންނަވަނީ ތާއީދު އަނބުރާ ގެންގޮސްފީމޭ. ދެން ކޮބައިތޯ ލެޖިޓިމަސީއެއް؟. މިއަދު އެ މަނިކުފާނު ވެރިކަމުގައި ހުންނަވަން ލަދުފުޅު ގަންނަންޖެހޭނެ." ގާސިމް ވިދާޅުވި އެވެ.

"މި ގައުމަށްޓަކައި އެ މަނިކުފާނު ވިދާޅުވާން ޖެހޭނީ ތިމަންނަ އިސްތިއުފާ ދީފީމޭ. ތިމަންނާ މިދަނީއޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިހާރު ހުންނެވީ ވަރަށް އެކަނިވެރިވެ، ބާކީވެފަ އެވެ. އެ މަނިކުފާނާ އެކު ތިއްބެވި ރައްޔިތުންގެ މަޖިލިސް މެމްބަރުން ވެސް ތިއްބެވީ އިދިކޮޅު ފަރާތްތަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ބޮޑު އަދަދުން ލޯނު ނަގައިގެން ބޮޑެތި މަޝްރޫއުތައް ސަރުކާރުން ހިންގާއިރު އެކަން ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް 140 މިލިއަން ޑޮލަރަށް ހަވާލު ކުރި އިރު އެ މަސައްކަތް 54 މިލިއަން ޑޮލަރަށް ކުރަން ބަޔަކު ހުށަހެޅި ކަމަށާއި ދައުލަތަށް މިހާ ބޮޑެތި ގެއްލުންތައް ކުރިމަތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ގޮތުގައި މިކަންކަން ހިންގަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރަށް މި ކަންކަން ފަސޭހަކޮށްދީފައި މިއޮތީ. އެކަމަކު މިއަދު ކިހިނެއްތޯ މިކަންކަން މިވަނީ؟" ގާސިމް ވިދާޅުވި އެވެ.

މަޝްވަރާ ކުރަން ސަރުކާރުން ގޮވާލާފައިވާތީ އެކަމަށް ރައްދު ދެއްވައި، އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ އެ ޖަލްސާގައި ވިދާޅުވީ ސަރުކާރާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވަނީ އެ މަނިކުފާނު އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ޕާޓީ އަށް ކަމަށާއި އެކަމަކު އެ ޕާޓީއަކީ މިހާރު ވުޖޫދުގައި އޮތް ޕާޓީއެއް ނޫން ކަމަށެވެ. އެހެންވެ، ޕީއޭއާ އެކު ކުރެވޭނެ މަޝްވަރާއެއް ނެތް ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރަން ސަރުކާރުން ބޭނުން ނަމަ އިދިކޮޅު ފަރާތްތަކާ ހަމައަށް އަންނަން ޖެހޭނީ ސަރުކާރެވެ. މަޝްވަރާ އަށް އަންނައިރު ސަރުކާރުން ފޮނުވަން ޖެހޭނީ މަންދޫބުން ނޫން ކަމަށާއި މަޝްވަރާ ކުރާ ނަމަ ކުރާނީ ރައީސް އަބްދުﷲ ޔާމީނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައްކަންޖެހޭ ވަރަށް ބައިވަރު ވާހަކަ އެބަހުރި. އަޅުގަނޑުމެންނާ މަޝްވަރާ ކުރަން ސަރުކާރުން ބޭނުމިއްޔާ އަޅުގަނޑުމެން މިތިބި މައިދާނަށް ވަޑައިގަންނަވާ. ރައީސް ޔާމީންގެ މަންދޫބުންނެއް ނޫން، ސީދާ ރައީސް ޔާމީނާ އަޅުގަނޑުމެން މަޝްވަރާ ކުރާނީ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި މަޝްވަރާ އަށް ދާން އުޅުނު ހުރިހާ ލީޑަރުން ތިބީ ޖަލުގައި ކަމަށާއި އިތުރު ބަޔަކު މަޝްވަރާ އަށް ދާނެ ގޮތެއް ނޭނގޭ ކަމަށެވެ. މަޝްވަރާ އަށް ގޮވާލަން ތިބީ އެއްވެސް ހަރުދަނާ ކަމެއް ނެތް ވަޒީރުންތަކެއް ކަމަށާއި އެ ބޭފުޅުންނާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.