ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާގެ އިސްބޭފުޅުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްާޔާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްްޓްރީ
02 އެޕްރީލް 2017 - 16:41
ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާގެ އިސްވެރިންގެ 11 ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ބައްދަލުވުން ފައްޓަވައިދެއްވީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މަތީ ތައުލީމުގެ ފެންވަރު މަތިކުރަން ރާއްޖެ އާއި ސާކް ސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފަ އެވެ.
ސާކް ގައުމުތަކުގެ ތައުލީމީ ދާއިރާގެ އިސްވެރިންގެ ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އާއިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ސާކް ޗެއާސް ފެލޯޝިޕް އަދި ސްކޮލަޝިޕްގެ ދަށުން ސާކް ސަރަހައްދުގެ ދަރިވަރުން މަތީ ތައުލީމް ހާސިލްކުރަން ރާއްޖެ އަންނަމުން ދެ އެވެ. އަދި ސާކު ސަރަހައްދުގައި ދުރުންދޭ ތައުލީމާ ގުޅޭ ސިޔާސަތެއް ގާއިމްވެފައި އޮތުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސާކު މެމްބަރު ގައުމުތަކުގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން ނުވަތަ އެއާ އެއް ފެންވަރުގެ އިދާރާތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ މަގުސަދުގެ ތެރޭގައި ސާކު ސަރަހައްދުގައި ދޭ މަތީ ތައުލީމުގެ ފެންވަރު ކުރިއަރުވައި، މަތީ ތައުލީމާ ބެހޭ ސިޔާސަތުތައް އެކަށައަޅައި ސަރަހައްދީ ޔުނިވާސިޓީތަކުގެ ސެޓްފިކެޓްތައް ކަނޑައެޅުން ހިމެނެ އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ސާކުގެ ހުރިހާ ގައުމަކުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
03 April 2017
ތިއައްތުރެން މާރަނގަޅުވާނެ ކަމަނާ ރާއްޖޭގެ މަތީތައުލީމާއި ބެހޭ ވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ މަތީތައުލީމުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރިއްޔާ، ކަމަނާއަށް އެކަމަށް ވަގުތެއް އެބަދެވޭތޯ؟