މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރާ ހާމިދު އިސްމާއިލް ކައިވެންޏެއް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހާމިދު ވަނީ، ކައިވެނިކުރުމަށް ފެމިލީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ހާމިދު ކައިވެނި ކުރީ އައްޑޫ މީހަކާ އެވެ. މިއީ އޭނާގެ ތިން ވަނަ ކައިވެނި ކަމަށްވެ އެވެ.
ހާމިދު ފެމިލީ ކޯޓަށް ހާޒިރު ކުރުމުގެ އިތުރުން ފިޒިއޮތޮރަޕީ ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްގެން ވަނީ ފަރުވާ ދީފަ އެވެ. މިކަމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބުނެވެ.
ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި މައްސަލާގައި ހާމިދު ޖަލަށްލީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށެވެ. އޭނާ ޖަލު ހުކުމް ތަންފީޒުކޮށް ނިމޭނީ 2019 ވަނަ އަހަރު އެވެ.
އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އަދީބުގެ އެންގުމަކަށް ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވީ ޒިޔަތު ކަމަށާއި ޗެކާ ހަވާލުވުމަށް ފަހު އެ ޗެކް ޖަމާކުރީ ހާމިދުގެ ކުންފުންޏެއްގެ އެކައުންޓަކަށް ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެ އެވެ.