ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް މިރޭ ބަހަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ މީހުން ޓޮކެން ނަގާފައިވެ އެވެ.
ރޯދަ ހަދިޔާގެ ޓޯކަންއަށް އެދޭނީ roadhahadhiya.mv އިންނެވެ.
ލޯކަލް ގަވަރްމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގައި މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4،805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށެވެ. އެއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުރިހާ ގޭބިސީތަކަށް މަސްދަޅު ދޫކޮށް ނިންމުމަށް ވެސް މަސައްކަތް ކުރާނެ އެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ދެނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.
މަސްދަޅު ކޭސް ދޫކުރުމަށް މާލެ ސަރަހައްދުގައި 15 މަރުކަޒެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއީ މާލޭގައި އަށް މަރުކަޒަކާއި ވިލިމާލޭގައި މަރުކަޒެއް އަދި ހުޅުމާލޭގައި ހަ މަރުކަޒެކެވެ.
މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަން:
މާލެ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލް
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
ހުޅުމާލެ- ފޭސް 1:
- އުމަރު ޒާހިރު ބިލްޑިންގް
- ޕޮލްކޯ ޓަވަރު ތިރީ
- މުހައްމަދު ގާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2:
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފްލެޓް
ވިލިމާލެ:
- ވެމްކޯ ސައިޓް
މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 118،673 މަސްދަޅު ކޭސް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. އެއީ މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 56،918 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާކުރި 60،755 މަސްދަޅު ކޭހެވެ.