ސަރުކާރުން މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް 118،000 މަސްދަޅު ކޭސް ބަންދުކުރަމުން އަންނަ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު "މިހާރު" އަށް ވިދާޅުވީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި އަންނަ ރޯދަ މަހު ބަހަން 118،000 މަސްދަޅު ކޭސް އެ ކުންފުނިން ބަންދުކުރަމުން އަންނަ ކަމަށެވެ. މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޯދަ ހަދިޔާ އަށް ބަހާ މަސްދަޅު ކޭސްތައް ބަންދުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ޕްރޮޑަކްޝަން ގެންދާއިރު، އެހެން އޯޑަރުތަކަށް ދަތި ނުވެ، އެ ޕްރޮޑަކްޝަން ދުރާލައި ފެށުނީމަ މިހާރު، އޮން-ޓައިމް އެއްވެސް ޕްރޮޑަކްޝަން ޝެޑިއުލްއަކަށް ބުރޫއެއް ނާރާ މި ފަހަރު. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ ރޯދަ މަހަށް ބަހަން އުފެއްދި މަސްދަޅު ކޭސްތަކާ އެކު މިފްކޯގެ ގުދަންތައް ފުރޭތީ، އެސްޓީއޯ އާއި ލޯކަލް ގަވަނެންސް މިނިސްޓްރީއާ ގުޅިގެން 30،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ހދ. ކުޅުދުއްފުށި ޕޯޓާއި އައްޑޫ ހިތަދޫ ޕޯޓުގެ ގުދަންތަކުގައި ބަހައްޓާފައިވާ ކަމަށެވެ.
"އެއީ [އުތުރާއި ދެކުނުގެ] އެ އަތޮޅުތަކަށް އެ އެއްޗެހި ޑިސްޓްރިބިއުޓް ކުރަން ވެސް ފަސޭހަވާނެތީ. ދެން ހުރި ކޭސްތައް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އަޅުގަނޑުމެން ފެލިވަރުން މާލެ ސަރަހައްދަށް ގެނައުމަށް މިހާރު ވަނީ ތައްޔާރުވެފައި،" އޭނާ ވިދާޅުވި އެވެ.
މަސްދަޅު ކޭސް ބެހުމުގެ ކަންކަން ލޯކަލް ގަވަނެންސް މިނިސްޓްރީން ކުރަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކަށް މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 111،231 މަސްދަޅު ކޭސް ސަރުކާރުން ހަދިޔާކޮށްފައިވެ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ރައީސް ވަނީ އަންނަ ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލުން ވެސް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމަވައިފަ އެވެ. އެ ނިންމެވުމާ އެކު، ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން އަރާނީ 400ރ. އެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި، މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހު 18 އެވެ.