ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު ކުރީގެ އަގަށް އަލުން ބަދަލުކޮށްފި އެވެ. 

މިފްކޯގެ ސީނިއާ މެނޭޖާ. ޕީއާރް ޝިފްޒާ މުސްތަފާ "މިހާރު" އަށް ވިދާޅުވީ ތެޔޮމަސްދަޅު ކުރީގެ އަގުގައި ވިއްކަން އެ ކުންފުނިން ނިންމީ އަގަށް ގެނައި ބަދަލާ ގުޅިގެން ރައްޔިތުން ފާޅުކުރި ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށްގެން ކަމަށެވެ. އެހެންވެ، މިރެއިން ފެށިގެން ތެޔޮމަސްދަޅެއް ވަކިން 17.50ރ. އަދި ކޭހެއް 760ރ. ވިއްކަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފްކޯއިން ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލުގައި ތެޔޮ މަސްދަޅެއް ވަކިން ވިއްކަން ނިންމީ 18.50 ރުފިޔާ އަށް އަދި ކޭހެއް 800 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ އެ ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

"މާޗް މަހުގެ ކުރިން 11.57ރ. އަށް ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށް،" އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައި ވިޔަސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު ކުޑަވާނެ ގޮތަކަށް ކަމަށެވެ.

ހަނގުރާމަ އާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިގެން ކުންފުނީގެ ރަސްމީ ވަގުތު ވަނީ ކުރުކޮށްފަ އެވެ. 

މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، އިއްޔެ ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.