އެމްއެސްއެސްގެ ބޯޓު ގަލޭނާ: ލަންކާއަށް ދޭ 25،000 މަސްދަޅު ކޭސް ބަރުކޮށްގެން ރޭ ދަންވަރު އެ ބޯޓު ވަނީ ކޮލަމްބޯއަށް ދިއުމަށް ފުރައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
03 ޑިސެމްބަރ 2025 - 11:59
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅު ކޭސް ހިފައިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓެއް ރޭ ފުރައިފި އެވެ.
އެސްޓީއޯ އިން ބުނީ 25،000 މަސްދަޅު ކޭސް 14 ކޮންޓެއިނަރަށް ބަރުކޮށްގެން އެމްއެސްއެސްގެ ބޯޓު ގަލޭނާ ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދިއުމަށް ރޭ ދަންވަރު ފުރާފައިވާ ކަމަށެވެ.
އެމްއެސްއެސް ގަލޭނާއަކީ އެ ކުންފުނިން 2021 ވަނަ އަހަރު ގަތް ފުރަތަމަ އަމިއްލަ ބޯޓެވެ.
ވެހިކަލް ޓްރެކާއިން ދައްކާ ގޮތުގައި، ރޭ ދަންވަރު 12:30 ގައި މާލެއިން ފުރި އެ ބޯޓަށް ކޮލަމްބޯއަށް ދެވޭނީ މާދަމާގެ ހެނދުނު 11:30 ގަ އެވެ.
ލަންކާއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.
ލަންކާ އަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް (1.2 މިލިއަން މަސްދަޅު) ހަދިޔާކުރި އިރު، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވާން ދިވެހިން ނަމޫނާ ދައްކަމުން އަންނަ މި ދަނޑިވަޅުގައި ރާއްޖޭގެ މަޝްހޫރު ބައެއް ވިިޔަފާރި ކުންފުނިތަކުން ވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ އެމްބަސީ މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދީފަ އެވެ. އަދިވެސް ފައިސާ ހޯދުމުގެ އިތުރު ޕްރޮގްރާމްތައް އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ ހިންގަމުންނެވެ.
ލަންކާ އަށް މި ފަހަރު މި އެރި ތޫފާން އަދި ގަދަ ވިއްސާރައިގައި މި ފަހަރު ލިބިފައި ވަނީ ޑިސެމްބަރު 26، 2004 ގެ ސުނާމީގައި ވެސް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. މި ތޫފާނުގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy