މަސްވެރިކަން މި ދުވަސްވަރު ދަށްވެފައި ވިޔަސް، ކުރިއަށް އޮތް ރޯދަމަހު އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ރޯމަހާއި މަހުގެ އެހެން އުފެއްދުންތައް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މިފްކޯ އިން މިއަދު ދީފި އެވެ.

ރާއްޖޭގައި މަސްވެރިކަން މި ދުވަސްވަރު އާދަޔާ ހިލާފަށް ދަށަށް ގޮސްފައި ވާތީ، ރޯދަމަހު މަސް ލިބުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވާނެތޯ "މިހާރު" އިން ސުވާލުކުރުމުން މިފްކޯގެ ސީނިއާ މެނޭޖަރު (ޕީއާރު) ޝިފްޒާ މުސްތަފާ ވިދާޅުވީ މަސްވެރިކަމުގެ ހާލަތަށް ބަލައި، އާންމުންނަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދުރާލައި ވަރަށް ފުރިހަމައަށް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

ޝިފްޒާ ވިދާޅުވީ މަސްވެރިކަން ދަށްވެ، މަސް ލިބުން ދަތިވާކަން ފާހަގަވާން ފެށީ މިދިޔަ މަހު ކަމަށެވެ. 

މަސްވެރިން މިފްކޯއަށް މަސްކިރުވި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައި ވިޔަސް، މިދިޔަ މަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފަ އެވެ. އަދި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް، އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

"ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާ އެކު، އަމުދުން ރޯދަ މަހު ކަނޑުމަސް ލިބުން ދަތިވެއްޖެ ނަމަ، ރައްޔިތުން އުފުލަން ޖެހޭނެ ތަކުލީފުތައް އަޅުގަނޑުމެންނަށް ވިސްނޭ. އެހެންވެ، ރައްޔިތުން މަހަށް ޖެހިދާނެތީ، އަޅުގަނޑުމެން މިގެންދަނީ ދުރާލައި އިންތިޒާމުތައް ހަމަޖައްސަމުން. މިފްކޯގެ ފިހާރަތަކާއި ސެންޓަރުތަކުން ރޯމަސް (ގަނޑުކުރި މަސް) ދަތިކަމެއް ނެތި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ލިބޭނެ،" ޝިފްޒާ ވިދާޅުވި އެވެ. 

މިފްކޯ މަސް ފިހާރައިން ބަޔަކު ވިޔަފާރިކުރަނީ: މިފްކޯ އިން ބުނީ ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި މަސް ގަންނަން ލިބޭނެ ކަމަށް.-- ފޮޓޯ: މިހާރު
މިފްކޯ މަސް ފިހާރައިން ބަޔަކު ވިޔަފާރިކުރަނީ: މިފްކޯ އިން ބުނީ ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި މަސް ގަންނަން ލިބޭނެ ކަމަށް.-- ފޮޓޯ: މިހާރު

ޝިފްޒާ ވިދާޅުވި ގޮތުގައި، އާންމުންގެ ބޭނުންތަކަށް ވާ ވަރަށް މިފްކޯގައި ސްޓޮކް މިވަގުތު އެބަހުއްޓެވެ. އެއްވެސް ބުރުލެއް ނާރައި މިފްކޯގެ ސެންޓަރުތަކާއި މަސް ފިހާރަތަކުން މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުންފުނީގެ އޮޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކަންކަން ވަނީ ތަރުތީބުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.  

މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދައުލަތުގެ ކުންފުނީގެ ހައިިސިއްޔަތުން، ދުރާލައި ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާ އެކު އެ ކުންފުނިން ކުރާ މި މަސައްކަތުގެ އަމާޒަކީ ރޯދަ މަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަސް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝިފްޒާ ވިދާޅުވީ އެކަން ކަށަވަރުކުރުމަށް މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެ ނޫން ވެސް ފަރާތްތަކާ އެކު ގާތުން މަސައްކަތްކޮށް، މަސްވެރިކަމަށް އަންނަ ބަދަލުތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ކުންފުނިން އަޅާނެ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް މަސްވެރިކަން ދަށްވާ ދުވަސްވަރު މިފްކޯގެ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ލިބުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. ނަމަވެސް، އެ ދަތިކަން ކުޑަކުރުމަށް އެ ކުންފުނިން އަަބަދުވެސް އެކި ފިޔަވަޅުތައް އަޅަ އެވެ.