ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ޖަމިއްޔާއަކުން އާއްމުންނަށް ބެހުމަކީ މައްސަލައެއް ނޫން ކަމަށް އެ ގައުމުން ދެކުމަކީ ސައުދީ ސަރުކާރާ މެދު ދިވެހިން ދެކެމުން އައި ގޮތް ކިލަނބު ވެދާނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ފަސްޓް ލޭޑީ ފާތުންގެ ސޮދަގާތް ފައުންޑޭޝަނުން އަންނަނީ ބަހަމުންނެވެ. އެ ފައުންޑޭޝަނަށް 10 ޓަނު ކަދުރު ނަގައި އެ ޖަމިއްޔާގެ ނަމުގައި ބަހާ މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް ވަނީ އެކަމަނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
މިކަން ދިފާއުކޮށް ސައުދީ ސަރުކާރުން ވާހަކަ ދެއްކުމުން އެ ގައުމާ މެދު ދިވެހިން ދެކެމުން އައިގޮތް ކިލަނބު ވެދާނެތީ އެމްޑީޕީން ކަންބޮޑުވޭ
ބައެއް މީހުން އެކަން ސިފަކުރަނީ، ނުފޫޒުން ހިންގި "ކޮރަޕްޝަންގެ" އަމަލެއްގެ ގޮތުގަ އެވެ.
އެކަމަކު މިކަން ދިފާއުކޮށް، ސައުދީ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަސްޓް ލޭޑީގެ ފައުންޑޭޝަނުން ބަހަނީ ސައުދީ އަރައްބިޔާ އިން ދިވެހިންނަށް ހަދިޔާ ކުރި ކަދުރު ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށެވެ. އަދި އެކަން ނޭދެވޭ ގޮތަކަށް ނުނެގުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލާފައި ވެ އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ނެރުނު މި ބަޔާނަށް ރައްދު ދީ އެމްޑީޕީން ބުނީ ފާތުންގެ މި އަމަލަކީ ސައުދީ އަރަބިއްޔާގެ އެތައް އަހަރެއްވީ ދީލަތި ކަމަށް ކުރި މަލާމާތެއް ކަމަށާއި "ކޮރަޕްޝަންގެ މި އަމަލު" އެ ގައުމުން ދިފާއު ކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"ރޯދަ މަހެއްގައި (މެޑަމް ފާތުން) މި ފަދަ އަމަލެއް ހިންގީތީ ހިތާމަ ކުރަމެވެ. އަދި މިކަން ދިފާއުކޮށް ސައުދީ ސަރުކާރުން ވާހަކަ ދެއްކުމުން އެ ގައުމާ މެދު ދިވެހިން ދެކެމުން އައިގޮތް ކިލަނބު ވެދާނެތީ އެމްޑީޕީން ކަންބޮޑުވެ އެވެ." އެ ޕާޓީން ނެރުނު ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ބުނީ ބޭރު ގައުމުތަކުން ދޭ މި ފަދަ އެހީ ބެހުމުގައި ގާނޫނުތަކާއި ގަވައިދުތަކެއް ހަދާފައި ހުންނަ ކަަމަށާއި ސައުދީން މިކަން ދިފާއު ކުރުމަކީ ގާނޫނާ ފުށުއަރާ މި އަމަލަށް ދިން ހިތްވަރެއް ކަމަށެވެ.
"މިއީ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އެހެންވެ، މިކަން ދިފާއު ކުރުމުގެ ބަދަލުގައި ސައުދީ ސަރުކާރުން މިކަން ކުށްވެރި ކުރަން ޖެހޭނެ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.