ރޯދަ މަހުގެ އަޅުކަމަށް އިސްކަން ދިނުމުގެ ގޮތުން، ގދ. ތިނަދޫގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މި އަހަރު ވެސް ނުބާއްވަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަ މަހު ތިނަދޫގެ ރައްޔިތުންގެ ފަރާތުން ރީތި މިސާލެއް ފެނުނު ކަމަށެވެ.

އެކަމަށް ޝުކުރު އަދާކޮށް ކައުންސިލުން ވަނީ މި ފެށޭ ރޯދައިގައި ވެސް ދުވާލުގެ ވަގުތުތަކާއި ވަކިން ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ނުބޭއްވުމަށް އަންގައިފަ އެވެ.

"ދުވާލުގެ ވަގުތު ވެސް، އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުން،" ކައުންސިލުން ބުންޏެވެ.

ކައުންސިލުން ކުރަން އަންގާފައިވާ ކަންކަން:

  • ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ހަމްދަރުދީވެ އަޅާލުން
  • ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން މަސައްކަތް ކުރުން
  • ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް މަސައްކަތް ކުރުން
  • ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި ތަރާވީހް ނަމާދާއި ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުން

ކައުންސިލުން ބުނީ އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ ކަމަށެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް ވެސް ކައުންސިލުން ވަނީ އަންގައިފަ އެެވެ.

ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ ކަމަށާއި އެކަން ކުރަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިދާރާ އިން ބުންޏެވެ.

ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ދުވާލާއި ރޭގަނޑު ހުޅުވަން އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ވެސް ވަކި ގަޑިތަކެއްގަ އެވެ.

ތިނަދޫ ކައުންސިލުން އަންގާފައިވާ ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްދުގައި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ކައުންސިލުން އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެފަރާތްތަކަށް ފިޔަަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.