އިސްލާހެއް ނުވަތަ ހެޔޮ ބަދަލެއް ގެނައުމަށް އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށްވެ، އެ މީހަކާ ހިސާބުން ފަށަންޖެހޭ ކަމަށާއި މުޖުތަމައު އެދޭ ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ މަހަކަށް މާދަމާ ފަށާ މި އަހަރުގެ ރޯދަމަސް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
މާދަމާއަކީ މުލަ ރޯދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާ ގުޅިގެން ރޯދަމަހުގެ ހެޔޮ އެދުންތައް ފޮނުއްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ރޯދަ ފަރުލު ކުރެއްވީ ތަގުވާވެރިވުމަށްޓަކައި ކަމަށާއި ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށްޓަކައި ކަމަށެވެ.
އެހެންވެ، ރޯދަމަހަކީ ހެޔޮ ކަމުގެ މޫސޫމެއް ކަމަށާއި އެއީ ބާއްޖަވެރި މައްސަރެއް ކަަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިޖުތިމާއީ ގިނަ އިލްމުވެރިން ދެކެވަަޑައިގަންނަވާ ގޮތުގައި އިސްލާހުގެ ފެށުމަކީ ތިމާ މީހާ ކަމަށާއި އާއިލާއަކަށް ނުވަތަ މުޖުތަމައަކަށް އަދި ގައުމަކަށް ވިޔަސް އިސްލާހެއް ގެންނަން ބޭނުންވާ ނަމަ، އެ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭ ކަމަށެވެ.
އެހެންވެ ތިމާއާ ހިސާބުން އެކަމެއް އިސްލާހުކުރަން ފަށަން ޖެހޭ ކަމަށާއި އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަކަށް ނުވަތަ މުޖުތަމައަށް އަދި މުޅި ގައުމަށް ފޯރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރޯދަމަސް ބައްދަލުކުރިއިރު މުޖުތަމައު ދެކެން ބޭނުންވާ ގިނަ ހެޔޮ ބަދަލުތަކެއް އެބަހުއްޓެވެ. ދީނީ ގޮތުންނާއި އާދަކާދައިގެ ތެރެއިންނާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލަނބުމާ ގުޅޭ އިސްލާހުތަކެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ފަސް ވަގުތު ނަމާދުކުރާ މުޖުތަމައެއް ބޭނުންވެ އެވެ. ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކޮށް، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް ބޭނުންވާ ކަަމަށާއި މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ވެސް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!
ރައީސް ވިދާޅުވީ ހުރިހާ ކަމެއްގައި އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ ބަޔަކު ބޭނުންވާ ކަމަށެެވެ.
އެ ކަންކަމަކީ ރާއްޖޭގެ އަމާންކަމާއި ދެ ދުނިޔޭގެ ސަލާމަތަށްޓަކާ ބޭނުންވާ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ހެޔޮލަފާ، ހުލްގު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ. ދުނިޔޭގެ އެހެން މީހުންގެ ކިބައިންވެސް ދިވެހީންނަށް ހެޔޮބަސްތައް ލިބި، ދިވެހީންގެ ގަދަރު މަތިވެރިވުމަށްޓަކައެވެ،" އެ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މުޖުތަމައު ބޭނުންވާ ބަދަލު ގެނައުމަށް އެހީއެއްގެ ގޮތުގައި ރޯދަމަހަކީ ރަނގަޅު މަހެއް ކަމަށެެވެ. ރޯދަމަހަކީ އަހުލާގުގެ އެންމެ މަތިވެރި ފިލާވަޅު ދަސްކޮށްދޭ މަސް ކަމަށާއި އަޅުކަންތަކަށް ވަގުތުތައް ރާވައިލުމާއި ވަގުތަށް ކަމޭހިތަން ދަސްކޮށްދޭ މަހެއް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒިކުރުތަކުން ތަގުވާވެރިވުމާއި ހިތާއި ރޫހާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރުމަށް ރޯދަމަސް ދަސްކޮށްދޭ ކަމަށެވެ. އަދި ރޯދަ ވީއްލުމާއި ހާރުދަން ފަދަ އިޖުތިމާއީ އާއިލީ ބައްދަލުވުންތަކަކީ ޖަމާއަތުގެ ގުޅުންތައް ހަރުދަނާކުރުމާއި ދޭދޭ ކުލުނާއި ލޯބި އަށަގަންނުވުމުގެ މަދަރުސާތައް ކަމަށް ރައީސް ވިދާޅުވި އެވެ.