ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. ދީފި އެވެ.
ޒަކާތު ހައުސް އިން މިއަދު ބުނީ ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަގީރުންނާއި މީސްކީނުންނަށް ބަހާފައިވަނީ 13،896،000ރ. އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ލިބުނު ފަހަރެވެ. އަދި ޒަކާތް ލިބުނު މީހުންގެ ތެރޭގައި، 62 ފަގީރު އަދި ޔަތީމު ކުދިން ވެސް ހިމެނެ އެވެ.
މި އަހަރު ފިތުރު ޒަކާތް ބަލައިގެންފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ.
އޭގެ އިތުރުން އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ހާއްސަކޮށް ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށްޓަކައި ހާއްސަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތައާރަފުކުރި އެވެ.
މާލެ ސަރަހައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާ އަދި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވެ އެވެ. އަދި ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދިއުމުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓާ ކުރި އެވެ. އޭގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ހަމަހަމަކަމާ އެކު ފައިސާ ބަހަން މަގުފަހިވެގެންދިޔަ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.