ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށައިފި

އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން އަންނަ އަންގާރަދުވަހުގެ ނިޔަލަށް ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި އޮތީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގާއިމުކުރި ބާ ޖަމާލުއްދީންގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ސެންޓަރުގަ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 1،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިޚާބުގައި 469 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، މާލޭގައި ބަހައްޓަން ނިންމާފައިވަނީ 77 ވޯޓު ފޮއްޓެވެ.

މިދިޔަ ޖެނުއަރީ 14 ގައި ބާއްވަން އިއުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެކި ފަހަރުމަތިން ފަސްކޮށްފައި ވެ އެވެ.