ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް ދައުވާކުރާ މައްސަލާގައި އަންނަ އާދީއްތަދުވަހު ބާއްވަން އޮތް ޝަރީއަތް މިރެއަށް އަވަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒަށް ކުރާ "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ މައްސަލަ މިރޭ 8:00 ގައި ބާއްވަން ނިންމި ނަމަވެސް، ކުރިން އޮތީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު އެ ޝަރީއަތް ކުރިއަށް ގެންދާ ގޮތަށެވެ.
ފުލުހުންގެ ތަހުގީގަކަށް ހާޒިރުކޮށް، ރިޔާޒްގެ ފޯނު ހުޅުވަން އެދުމުން ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ދައުވާކުރާ އެ މައްސަލާގައި މިރޭ އޮންނާނީ ރިޔާޒްގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ ދައުވާއަށް ރިޔާޒް ވަނީ އިންކާރު ކުރައްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނަސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭނާ އަށް ދައުވާކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެއެވެ. އެކަމަކު ގާސިމްގެ ޝަރީއަތް މިރޭ ބާއްވާކަށް ތާވަލެއް ނުކުރެ އެވެ.