ސަރުކާރު ވެރިންގެ ގޯތި ވިއްކައިގެން ވިޔަސް ކޮރަޕްޝަންގެ ފައިސާ ހޯދާނަން: މަލީހު

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސް ވެރިންގެ ގޯތިތައް ވިއްކައިގެން ވިޔަސް "ކޮރަޕްޝަން ފައިސާ" ހޯދާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި މަލީހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ނަމުގައި ސަރުކާރުން ހިންގަނީ ކޮރަޕްޝަން ކަމަށެވެ. އަދި ސިޔާސީ އެކި ލީޑަރުން ޖަލަށް ލަނީ ގޮތް ހުސްވެގެން ކަމަށާއި ސަރުކާރު ނިމެން މާ ގިނަ ދުވަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ސަރުކާރުން މިހާރު ހިންގާ މަޝްރޫއުތަކަށް އަސްލު ހޭދަވާނެ ވަރު ބެލުމުގެ ގޮތުން ބޭރު ފަރާތްތަކުން އެހީތެރިކަން ހޯދާނެ ކަމަށެވެ.

"ބްރިޖަށް 240 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް ބުނާއިރު، 70 މިލިއަން ޑޮލަރުން ބްރިޖު އެޅޭ ނަމަ، ސަރުކާރުގެ އިސް ވެރިންގެ ގޯތި ވިއްކައިގެން އެ ފައިސާ ހޯދާނަން. އައިޖީއެމްއެޗްގެ އިމާރާތަށް ހަރަދުވަނީ 25 މިލިއަން ޑޮލަރު ކަމަށްވާ ނަމަ، ބާކީ ހަރަދު ކުރާ 110 މިލިއަން ޑޮލަރު ގޯތި ވިއްކައިގެން ވިޔަސް ހޯދާނަން،" ރައީސް ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވި އެވެ.

"ރަސްފަންނު ހެދުމަށް ހަރަދުވަނީ ދެ މިލިއަން ރުފިޔާ ކަމަށްވެ، އެ ތަނަށް 10 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަ، ބާކީ ހަތް މިލިއަން ރުފިޔާ ހޯދާނީ [ވެސް] އެބޭފުޅުންގެ ގޯތިތައް ވިއްކައިގެން."

މަލީހު ވިދާޅުވީ ގާނޫނުއަސާސީގެ ބޭރުން އެއްވެސް މީހަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ގާނޫނުއަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު އޮތީ ބަލިވެފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން ދާދި އަވަހަށް ވެރިކަމާ ހަވާލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުގެ ކުރީ ސަފުގައި ތިއްބެވީ މި ސަރުކާރުގެ ވަޒީރުންނަށް ވުރެ މާ އަވަސްކަމާ އެކު ގައުމު ތަރައްގީ ކުރާނެ ބޭފުޅުން،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރުމަކީ ކުށަކަށް ވާ ނަމަ، ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ހުރި މާއްދާތައް އުނިކުރަން ޖެހެ އެވެ. ރައީސް ޔާމީނަށް ތާއީދު ކުރާ އެއްވެސް މީހަކު ނުފެންނަ ކަމަށާއި ޑިމޮކްރަސީ ފުނޑުކޮށްލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، ޑިމޮކްރަސީ މި ގައުމުގައި ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު ވަނީ "ބަނގުރޫޓުވެފަ"އެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު ވެސް ލޯނު ނަގައިގެންނާއި ޓީ ބިލު ވިއްކައިގެން ކަމަށް ވެސް ވިދާޅުވި އެވެ.