މިއަދުގެ އަޑުއެހުމަށް ފަހު ގާސިމް ކޯޓުން ނެރެގެން ގެންދަނީ: އެ މައްސަލަ މިހާރު ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުން --މިހާރު ފޮޓޯ/ހުސައިން ވަހީދު
23 އެޕްރީލް 2017 - 13:36
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތުގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ގާސިމް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާއާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ގާސިމް އެގޮތަށް ވިދާޅުވީ ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބައްލަވަން ފެށްޓެވުމުންނެވެ. ކުރިން ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެން ބެއްލެވި މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ.
މިއަދުގެ އަޑުއެހުން ފެށުމާ އެކު ގާސިމް ވަނީ ޝަރީއަތުގައި ކޮޅަށް ތެދުވެވަޑައިގެން، އެ މައްސަލާގައި އިންސާފުވެރި ހުކުމެއް އަތުވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ. އިސް ގާޒީ ބާރީ އަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ ކުރީގެ އަޑުއެހުމުގައި އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް އިސް ގާޒީ ބާރީ މަޖިލިސް ނިންމަވާލެއްވީ ކަމަށާއި އެހެންވެ އިސް ގާޒީ މައްސަލަ ބައްލަވަން އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.
ޝަރީއަތަށް ފަހު ގާސިމް ދޫނިދުއަށް ގެންދަން ލޯންޗުގައި --މިހާރު ފޮޓޯ/ހުސައިން ވަހީދު
ގާސިމް އެ އިޝާރާތް ކުރެއްވީ އޭނާ މިހާރު ހައްޔަރު ކޮށްފައިވާ މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހު ހާޒިރުކުރި މަޖިލީހުގައި ހިނގައިދިޔަ ކަންކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިސް ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ ޖަޒްބާތުތަކަށް އޭނާ ވެސް އިހްތިރާމް ކުރައްވާ ކަމަށާއި އެކަމަކު އެހެން މައްސަލަތަކާ ގުޅޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު މި ޝަރީއަތުގައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކަން ފަނޑިޔާރުން ފުރުސަތު ދެނީ އޮންނަ އުސޫލުތަކުގެ މަތިން ވަކި ވަގުތުތަކެއް ވަންދެން ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައުޟޫއުގައި އިތުރަށް ވާހަކަ ނުދައްކަން ގާސިމަށް އެންގެވި އެވެ.
އެކަމާ ގުޅޭ ގޮޮތުން ގާސިމް އިތުރު ވާހަކައެއް ނުދައްކަވަ އެވެ.
އަޑުއެހުން ނިންމާލުމުން ފުލުހުންގެ ބެލުމުގެ ދަށުން ކޯޓު ރޫމުން ބޭރަށް ވަޑައިގަތުމުގެ ކުރިން އެތަނުގައި ތިއްބެވި ގާސިމް ބޭފުޅުންނާއި އަނބިކަނބަލުންނާ ސަލާމް ކުރެއްވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ދައުވާކުރަނީ އޭނާ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ގާސިމް ވިދާޅުވެފައިވަނީ މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ އެ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެ މައްސަލާގައި ގާސިމަށް ކުރަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެއްް ފޯރުވަން އުޅުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާއިރު ގާސިމް މިހާރު ހައްޔަރުކޮށްފައި ހުރީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ތައްޔާރުވަމުންދާ ދެވަނަ މައްސަލައާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުޢާ
23 April 2017
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ގާސިމް އިބްރާހީމް އަށް ހެއުރަހުމަތް ލައްވާ އޭނާއަކީ ކެތްތެރިކަމާ ނަމާދުން ބާރު ލިބެނިވި މީހަކު ކަމުގައި ލައްވާނދޭވެ
ޔާމީން
23 April 2017
އިހަށް ދުވަހު ހައިކޯޓުން ދޫކޮށްލީމަ ވަރަށް އިންސާފުވެރި.މިހާރު ބެދިދާނެކަން ޔަގީންވީމާ އަމިއްލައަށް ހުކުމް އެ އިއްވީ. މީ ހަމަޔާ އިންސާފަކީ މި ވެރިންގެ
ލިލީ
23 April 2017
ގާސިމް، އިމްރާން، މައޫމޫން، ނާޒިމް، އަދީބު....މިހުރިހާ އެންމެން ނަކީވެސް އެއްދުވަސްވަރެއްގައި ރައީސް ޔާމިންގެ ސަރުކާރުގެ ވެރިން ނޫނީ ސިޔާސީގޮތުން ގާތް މީހުން.....މިއަދު މިހުރިހާ އެންމެންކަހަލަ ގޮތަކަށް މިތިބީ ޖަލުގަ. ދެން މިލިސްޓަށް އިތުރުވާން ތިބި މީހުން ތިބީ ކިހާ ކައިރިއެއްގަބާ؟
ހުސޭނުބެ
23 April 2017
ވަރަށް ބޮޑަށް ޔަގީންކުރެވޭ ވަރަށް އިންސާފުވެރި ޙުކުމެއްކުރާނެކަމަށް!! މީގެ ކުރިންވެސް ގާސިމްގެ މައްސަލަތަކުގައި ކޮސްފައިވަނީ ވަރަށް އިންސާފުވެރިކޮށް ޙުކުމްތައް!! އެކަން އެމަނިކުފާނުގެ ވަކީލުންވެސް ވިދާޅުވެފައި އެބަހުރި!! ދެން މިފަހަރު އެހެން ގޮތަކަށް ވިސްނުން ބެހެއްޓުމުގެ ބޭނުމަކީ ކޮބައިބާ!! އެހެން އެހީވަނީ އެމަނިކުފާނުގެ މައްޗަށް ޙުކުމެއް ( މިބުނީ ޖަލު ޙުކުމެއް ނުވަތަ ގޭބަންދު ޙުކުމެއް) އައިސްފާނެކަމަށް އެބޭފުޅުންނަށް ވަރަށްބޮޑަށް ލަފާކުރެވެނީ ކަންނޭގެ!! އެކަމަކު އެމަނިކުފާނު ދޫކޮށްލަން ކުރާ ކޮންމެ ޙުކުމެއް ވާނީ ވަރށް އިންސާފުވެރި!! ޙުކުމެއް އައިސްފިއްޔާ ވަރަށް ބޭއިންސާފުވެރި!! ދެން މިއަށްކިޔާނީ ކީކޭ ކަމެއްނޭގޭ!!
ގާދިރު
23 April 2017
ކޮބާތޯ ވޯޓުދީފިނަމަ ފަޔަށްހޫނުފެން އަޅާނެކަމަށް ބުނެ މެމްބަރުންނަށް ބިރުދެހްކި މެމްބަރު އިލްހާމުގެ މައްސަލަ، ކޮބާތޯ ރިޝަވަތު ފައިސާ ގޯނި ކޮނޑައްލައިގެން މެމްބަރުންނަށް ބަހަމުން ބަހަމުން ބަހަމުން ދުވިކަމަށް ފާޅުގައު އިއުލާން ކުރި މެމްބަރުގެ މައްސަލަ، މިގޮތަށް ފާޅުކަން ބޮޑުގޮތެއގައި ޤާނޫނު ހިންގުނުމުގައި ތަފާތުކުރާތީ ޢަދުލުއިންސާފު ލިބިދާނެކަމާމެދު ރައްޔިތުން ސުވާލު އުފައްދަނީ
މުފައްކިރު
23 April 2017
100 ގެ ވާހަކައެއް!
ހިނި
23 April 2017
ގާސިމާދެކޮޅަށް ހުކުމް ކޮށްފިއްޔާ ކޯޓް ގޯސްވާނެ! އެއްކޮޅަށް ހުކުމް އަތުވެއްޖެއްޔާ، ކޯޓްތައް ބަރާބަރު،!
މަލީ
23 April 2017
ގާސިމް ބުނީ ވަރަށް ބޮޑު ތެދެއް، މައްސަލަ އަޑުއެހުމެއް ބާއްވާފަ ކުއްލި އަކަށް ބެންޗެއް ހަދާފަ ބެންޗުގެ ރިޔާސަތަކީ އިސް ގާޒީ ކަމަށް ހެދީމަ ގާސިމް އެހެން ވިދާޅުވީ،
މީމުހާ
23 April 2017
ޕާޓީ ތަކުން ވަކި ގޮތަކަށް ވޯޓު ލުމަށް ތްރީލައިން ވިޕް ނެރުމަކީ ވެސް ތިބުނާ ގޮތުން ގޮޅިއަކަށް ފެތޭނެ ކަމެއްތާ؟
ފޫހި
23 April 2017
ރައީސް ނަޝީދުއާއި ޢިމްރާން އަދި ނާޒިމްގެ ޝަރީޢަތްތައް ދިޔަމަގުން ތިޔަ ދަނީ. މި ބުނީ ލައްކަ ވާހަކަ. ކިތަންެމެ މޮޅު ލޯޔަރުންނަކާއި ކިތަންމެ ފާޅުކަން ބޮޑު ހެކިތަކާއެކު ހުށަހެޅިޔަސް ކުރާނެ ކަމެއްނެތް.
ނަރުހާ
23 April 2017
އަޅެ ކޮންކުށެއް ގާސިމް ކޮށްގެންބާއެވެ މިޝަރީއަތްކުރަނީ، ޕޯޑިއަމްގާ ދައްކާ ވާހަކަތަކުން ޝަރީއަތްކުރާނަމަ މިގައުމަކު ސިޔާސީ ވާހަކަ ދެއްކުންމަނާވީ،